ޒުވާނުންގެ މައްސަލަތަކަށް ހައްލު ހޯދުމަށް ބޭނުންވާ ފައިސާ ވަނީ ހަމަޖައްސަވާފައިކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ހުވަދޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ގދ ރަތަފަންދޫއަށް ވަޑައިގެން ރައީސް މުއިއްޒު ރައްޔިތުންނާ ސަލާން ކުރައްވަމުން ދިޔަ ވަގުތު އަސްވާޑް ވަނީ މީޑިއާއަކަށް އިންޓަވިއުއެއް ދެއްވާފައެވެ.
އަސްވާޑް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރު ފެނިގެންދަނީ އެހެން ވެރިންނާއި އަޅާ ބަލާއިރު ތަފާތުކޮށްކަމަށެވެ. އާންމުކޮށް ފެންނަނީ ކެމްޕެއިނަކަށް ނޫނީ، ރަސްމިއްޔާތަކަށް ހާއްސަކޮށް ވެރިން ދަތުރު ކުރައްވާ މަންޒަރުކަމަށާއި، ނަމަވެސް މި ވެރިކަމުގައި ފެނިގެންދަނީ ތަފާތު މަންޒަރެއްކަމަށް އަސްވާޑް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ހުރިހާ ކައުންސިލްތަކަކާއި ބައްދަލުކުރުމަށްކަމަށް ފާހަގަކޮށް އަސްވާޑް ވިދާޅުވީ މި މަސައްކަތްވެސް މިހާރު އޮތީ ނިމުމަކާއި ގާތްވެފައިކަމަށެވެ. އެއަށްފަހު މިހާރު އެ ކުރައްވަނީ ރާއްޖޭގެ ހުރިހާ ރަށްތަކަށް ވަޑައިގަތުމުގެ މަސައްކަތްކަމަށް ފާހަގަކުރެއްވިއެވެ. މިކަން ރައްޔިތުން ބަލައިގަންނަކަމަށް ވިދާޅުވިއެވެ.
ރަށްރަށުގައި ހުރި މައްސަލަތައް ރައީސް ގެންދަވަނީ ނޯޓު ކުރައްވަމުން، ރައްޔިތުންނާއި ބައްދަލުކޮށް، އެކަމަށް ބޭނުންވާ ހައްލު ރައީސް އެ ގެންދަވަނީ ހޯދަވައިދެއްވަމުންކަން ފާހަގަކޮށްލަން.
އަސްވާޑް ވިދާޅުވިއެވެ.
ރަށްރަށުގައި ހުރި މައްސަލަތައް އަޑުއަހާ، ރައީސް ގެންދަވަނީ މި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރައްވަމުންކަމަށްވެސް އަސްވާޑް ވިދާޅުވިއެވެ.
ޒުވާނުންނަށްޓަކައި ކުރާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދެއްވަމުން އަސްވާޑް ވިދާޅުވީ ރަށްރަށޫގައި ތިބި ޒުވާނުން ބޭނުންވާ ކަންކަން ކޮށްދިނުމުގެ މަސައްކަތް ރައީސް ގެންދަވަނީ ކުރައްވަމުންކަމަށެވެ.
އެގޮތުން ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތްތައް ފަހިކޮށްދެއްވަމުން ގެންދަވާކަމަށާއި، ރަށްރަށުގައި ތިބި ޒުވާނުން ބާރުވެރިކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާކަމަށް އަސްވާޑް ވިދާޅުވިއެވެ. އަދި ވިދާޅުވީ ހުސް ވަގުތުގައި ކުޅިވަރު ކުޅޭ، ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތައްވެސް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިކަމަށެވެ.

