ގޭންގުތަކަށް ކުޑަކުދިން ރެކްރޫޓް ކުރުން ހުއްޓުވުމަށާއި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި، އެކި ސަބަބުތަކަށްޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދ. ވާނީގައި ހޯޕް އައިލެންޑު ގާއިމު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
ކުދި ކުށްތައް އަލަށް ކުރާ ކުދިން ޖަލަށްލުމުގެ ބަދަލުގައ،ި ހެޔޮ ތަރުބިއްޔަތާއި އެކު އަނބުރާ މުޖުތަމައަށް ނިކުތުމަށް މަގުފަހިވާނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ގާނޫނު ނަންބަރު 18/2019 ކުޑަކުދިންގެ އަދުލުގެ ގާނޫނު ފުރިހަމައަށް ތަންފީޒު ކުރުމުގެ މަގުޗާޓެއް ސަރުކާރުން ވަނީ އެކުލަވާލާފަ އެވެ. މި މަގުޗާޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސޯޝަލް ކައުންސިލުން ފާސްކުރެވި، މަގުޗާޓު ތަންފީޒު ކުރަން ވަނީ ފަށާފަ އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އިސްލާހު ގެންނަނީ އެ ގާނޫނުގައިި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނިޒާމު ތަންފީޒު ކުރުމުގައިި ހުރިި ދަތިތައް ނައްތާލައި، ވަލްނަރަބަލް ނުވަތަ ކުށަށް ހުށަހެޅިފައި ތިބި ކުދިން ބޮޑެތިި ކުށްތަކަށް އަރައިގަތުމުގެ ކުރިން ރީހެބިލިޓޭޓު ކުރުމަށްޓަކައި އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގައިި މިހާރު ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރުގެ ގޮތުގައި އޮތް 15 އަހަރު 12 އަހަރަށް ބަދަލުކުރުމަށް އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީގެއިތުރުން ކުޑަހުވަދޫގައި ގާއިމުކޮށްފައިވާ ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު އޮޕަރޭޝަނަށް ގެނައުމަށްޓަކައި އިމާރާތުގެ އެސެސްމަންޓެއް ހަދައި އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ މި ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކެބިނެޓު ބައްދަލުވުމަށް ހޯމް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް، ވަޒީރުންގެ ލަފާގެ މަތީން ރައީސް މުއިއްޒު ނިންމަވާފައި ވަނީ ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެކި ސަބަބުތަކަށް ޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ބަޔާންކުރާ ”ލޯންގް ޓާރމް ރެސިޑެންޝަލް ކެއަރ ފެސިލިޓީ“ މީހުން ދިރިނޫޅޭ ވަކި ރަށެއްގައި ގާއިމުކުރުމަށް ނިންމަވާފައިވެއެވެ.
މިފަދަ މަރުކަޒެއްގައި ހުންނާނެ ފެސިލިޓީތަކާއި މަރުކަޒުގައި ހިންގާނެ ޕްރޮގްރާމުތަކުގެ ތަފުސީލު ހޯމް މިނިސްޓްރީން ވަނީ ރައީސަށް ހުށަހަޅުއްވާފަ އެވެ. ކުށުގެ ވެށީގައި އުޅޭ ކުދިން ދެނަގަނެ، އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ޕްރޮގްރާމެއް ފަށައި ވަކި ރަށެއް އެ މަސައްކަތަށް ކަނޑައަޅައި މިނިސްޓްރީން އެކަން އިއުލާނު ކުރީ މިދިޔަ މޭއި މަހު އެވެ.
ކުށްތަކަށް އަރައިގަންނަ ކުދިންގެ އަދަދު އިތުރުވަމުން، އަންނަ އިރު ޖިނާއީ ކުށްތަކަށް އަރައިގަންނަ މީހުން ވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ކުޑަކުދިން ބޭނުން ކުރެ އެވެ.
ހޯޕް އައިލެންޑުގެ ކޮންސެޕްޓުގެ މައުލޫމާތުތައް މީޑިއާތަކަށް ހިއްސާ ކުރައްވަމުން ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ވިދާޅުވީ، ހޯޕް އައިލެންޑަށް ގެންދާ ކޮންމެ ކުއްޖަކު ވެސް 18 އަހަރު ވަންދެން އެތަނުގައި އުޅޭނެ ކަމަށެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ހިދުމަތް ކުރަންޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އެއަށްފަހު އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުޞަތު ދެވޭނެކަންވެސް ފާހަގަ ކުރެއްވިއެވެ. އަދި ޖިނާޢީ ކުށެއް ކޮށްގެން ކުޑަކުދިން ޒިންމާވާން ޖެހޭ އުމުރު ކުޑަކުރުމުގެ މަސައްކަތް ފަށާފައިވާކަން ވެސް ހާމަކުރެއްވި އެވެ.
ޖިނާޢީ ކުށެއްގެ ޒިންމާ ކުޑަކުއްޖަކު މިހާރު ނަގަންޖެހޭ ޢުމުރަކީ 15 އަހަރެވެ. ނަމަވެސް ޒިންމާ ނަގަންޖެހޭ ޢުމުރު 12 އަހަރަށް ކުޑަކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
އިހުސާން ވިދާޅުވީ، 12 އަހަރުގެ ކުޑަކުދިންވެސް ތަފާތު ބާވަތްތަކުގެ ކުށްތަކަށް އަރައިގަންނަމުން އަންނަ ކަމަށާއި، ކުށުގެ މާޙައުލުން އެކުދިން ދުރުކުރެވޭނީ އެ ކުދިންނަށް ވެސް ގާނޫނީ ގޮތުން ފިޔަވަޅު އެޅިގެން ކަމަށެވެ. އެގޮތުން ޖިނާއީ ކުށެއްގެ ސަބަބުން ޒިންމާ ނަގަން ޖެހޭ ޢުމުރު 12 އަހަރަށް ކުޑަކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހާއިއެކު މިހާރު ފަށާފައިވާކަން ފާހަގަކުރެއްވި އެވެ.
ޒިންމާ ނަގަންޖެހޭ ޢުމުރު 12 އަހަރަށް ކުޑަ ކުރެވުމާއެކު 12 އަހަރުގައި ކުށަށް އަރައިގަންނަ ކުދިންވެސް ރީހެބިލިޓޭޓްކުރުމަށް ހޯޕް އައިލެންޑަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ދެން އޮތ އެ ގާނޫނުގެ 20 ވަނަ ބާބުގައި ބަޔާން ކުރާ ކުޑަކުދިން ކުށް ކުރުމާ ދުރު ކުރުމުގެ ބާބެވެ. 4 މާއްދާ ހިމެނޭ އެ ބާބުގައި ބަޔާން ކުރަނީ، ކުޑަކުދިން ކުށްކުރުމާ ދުރުކުރުމަށް އޮތް ދައުލަތުގެ ޒިންމާ އެވެ. އެ މާއްދާގެ (ނ) ގައި، ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރަށްވުރެ ހަގު ކުދިންގެ ތެރެއިން ކުށަށް އަރިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށްކުރުމުގެ ރައްކާތެރިކޮށް ދުރުހެލިކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅައި، އެ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ރިހެބިލިޓޭޝަން އަދި އެ ނޫންވެސް ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމުތައް، ދައުލަތުން ހަމަޖައްސަންވާނެކަމަށް ބުނެއެވެ.
ޖެހިގެން އޮތް މާއްދާގައި އޮތީ ޕްރޮގްރާމްތައް ހިންގަން ވާނީ ޑީޖޭޖޭއިންކަމަށާއި، އެކަން ކުރާނީ ކުދިންގެ މައިންބަފައިންނާއި އާއިލާއާއި ކިޔަވައިދޭ ތަންތަނާއި އެ ނޫން ވެސް މީހުންނާއި އެކު ކަމަށެވެ. މިކަން ކުރާނެ ގޮތުގެ ގަވާއިދުތައް ހަދަންވާނެކަމަށް ވެސް އެ މާއްދާގައި އޮވެއެވެ.
މި ގާނޫނު އޮތް ގޮތުން މީގެ ކުރިން ވެސް ގިނަ ބައެއްގެ ފާޑުކިއުމާއި ކަންބޮޑުވުންތައް އައެވެ. އެއީ ކުށް ކުރާ ކުދިންގެ އަދަދު އިތުރުވުމާއި ހާއްސަކޮށް މަރުގެ އެކި މައްސަލަތަކުގައި އުމުރުން 18 އަހަރުވުމާއި ގާތްވެފައި ތިބޭ ކުދިން ހައްޔަރުކުރަން ޖެހުމެވެ.
ކޮންމެއަކަސް ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮތީ ގިނަ އިސްލާހުތަކެއް ބޭނުންވާ ގޮތަކަށެވެ. ރާއްޖޭގެ ނިޒާމުގެ ތެރެއަށް ފަައްތަން ޖެހިފައެވެ.

