2025 ވަނަ އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކުރެވިފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.
ފުލުހުންގެ މުއައްސަސާއިން އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އަހަރު ފެށިގެން މިހާތަނަށް ވައްކަމާއި ގުޅުންހުރި 25 މައްސަލައެއް ރެކޯޑުކުރެވިފައިވެއެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ރިޕޯޓުކުރެވިފައިވަނީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތައްކަމަށް ހިއްސާކޮށްފައިވެއެވެ. އަހަރު ފެށިގެން ފުރަތަމަ 11 ދުވަހުގެ ތެރޭގައި އެކްސިޑެންޓުގެ 20 މައްސަލައެއް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާއިރު މަސްތުވާތަކެއްޗާއި ގުޅުންހުރި 10 މައްސަލައެއްވެސް ފާހަގަކުރެވިފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ.
ފުލުހުންގެ މުއައްސާސާއިން ބުނެފައިވާގޮތުން މުދާ ގެއްލިގެން 9 މައްސަލައެއްވެސް ހުށައެޅިފައިވާކަމަށާއި ހިޔާނާތްތެރިވުމުގެ 6 މައްސަލައެއްވެސް ހުށައެޅިފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ. އެ މުއައްސަސާއިން ބުނެފައިވާގޮތުން މުދަލާއި ތަންތަނަށް ގެއްލުން ދިނުމުގެވެސް 6 މައްސަލައެއް މިހާ ހިސާބަށް ހުށައެޅިފައިވާކަމަށެވެ. އަދި ފޭރުމުގެ 3 މައްސަލައެއް ހުށައެޅިފައިވާއިރު މާރާމާރީގެ 3 މައްސަލައަކާއި ޖިންސީ ކުށްތަކާއި ގުޅުންހުރި 1 މައްސަލަ ހުށައެޅިފައިވާކަންވެސް ހިއްސާކޮށްފައިވެއެވެ.

