ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެސްޓޯނިއާއަށް ވަޑައިގަތުމާއިއެކު އެގައުމުން ސަގާފީ ހޫނު މަރުހަބާއެއް އެމަނިކުފާނަށް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު އެސްޓޯނިއާއަށް ވަޑައިގެންނެވުމުން، އެގައުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވަނީ ސަގާފީ ހަރަކާތްތަކަކާއެކުއެވެ.
އެސްޓޯނިއާއަށް ކުރައްވާ މި ދަތުރުފުގެ މަގުސަދަކީ އެސްޓޯނިއާއާ އެކު ޕާޓްނާޝިޕްތައް ބިނާކޮށް ޑިޖިޓަލް، ސައިބާ އަދި އީ-ގަވަރނަންސް ދާއިރާއާއި މޫސުމާއި ތިމާވެށީގެ މައްސަލަތަކާއި ސައިންސާއި ތައުލީމީ ދާއިރާއިން އެ ގައުމުތަކުގެ ތަޖުރިބާއިން ޢިބްރަތް ޙާޞިލުކުރުންކަމަށް ރައީސް އޮފީހުގެ އސިްތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ. އަދި އެސްޓޯނިއާއިން ޢާންމު ޚިދުމަތުގައި ޓެކްނޮލޮޖީގެ ޒަމާނީ ބޭނުންހިފުމަކީ އިނޮވޭޝަނާއި ކުރިއެރުމަށް ނަމޫނާއެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު، އެސްޓޯނިއާގެ ރައީސް ޑޮކްޓަރ ކާރިސްއާއި، އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ އިތުރުން، އެސްޓޯނިއާގެ ތަޢުލީމާއި، މޫސުމާއި، ޞިއްޙީ އަދި ޑިޖިޓަލް އެފެއާޒް ދާއިރާ ތަމްސީލްކުރައްވާ ވަޒީރުންނާ ބައްދަލުކުރައްވާނެ އެވެ. އަދި މި ބައްދަލުވުމުގައި އެސްޓޯނިއާގެ ޢިލްމާއި ތަޖުރިބާގެ ފައިދާ ރާއްޖެއަށް ހޯދޭނެ ގޮތްތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ހީނާ ވިދާޅުވީ، އެސްޓޯނިއާގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޓާޓޫއަށް ވެސް ރައީސް ޒިޔާރަތް ކުރައްވާނެކަމަށެވެ. އަދި ޓާޓޫ ޔުނިވާސިޓީ އާއި އެސްޓޯނިއަން ޖީނޯމް ޑޭޓާބޭސް ސެންޓަރާއި ގްރީނާޖީ ޑޭޓާ ސެންޓަރަށް ޒިޔާރަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

