ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާތިރުގެ މަރު: އިރުފާންއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ސިއްރު ހެކިން މިއަދު ހާޒިރު ނުކުރެވުނު!

މި މައްސަލައިގައި ދައުވާ އުފުލާފައިވާ އިރުފާން ރުޝްދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތޫނު އެއްޗަކުން ހަމަލާދީ އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އިރުފާން ރުޝްދީގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އިރުފާންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

މި އަޑުއެހުމުގައި އޮތީ ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިންގެ ހެކިބަސް ނެގުމެވެ. އަޑުއެހުމުގައި ވާހަކަ ދައްކަވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ދައުލަތުން އެ ސިއްރު ހެކިން ހާޒިރު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ދެ ހެއްކެއް ހާޒިރު ކުރުމަށް މަސައްކަތް ކުރެވުނު ކަމަށެވެ. އެހެންނަމަވެސް ސިއްރު ހެކިވެރިންނަށް މި އަޑުއެހުމުގައި ބައިވެރިވެވޭގޮތް ވަނީ ނުވެފައެވެ.

މި މައްސަލައިގައި ބާކީ އޮތީވެސް ދައުލަތުގެ ސިއްރު ހެކިންގެ ހެކިބަސް ނެގުމެވެ. އެހެންކަމުން ކޯޓުގެ ޖާގައަށް ބަލައި، ދެން ސިއްރު ހެކިންގެ ހެކިބަސް ނެގެން އޮތީ ފެބްރުއަރީ މަސް ތެރޭގައިކަން ޝަރީއަތުން ފާހަގަ ކުރިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް ޛިހުނީއެވެ.

ގާޒީ ވިދާޅުވީ، ފެބްރުއަރީ މަހު ހެކިބަސް ނެގުމުގެ 2 އަޑުއެހުމެއް ތާވަލު ކުރައްވާނެ ކަމަށާއި، އެ އަޑުއެހުންތަކުގައި ދައުލަތުގެ ހެކިންގެ ހެކިބަސް ނަގާ ނިންމަވާނެ ކަމަށެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދިފާއީ ވަކީލު ވިދާޅުވީ، މި މައްސަލައަކީ ގިނަ ދުވަސްވީ މައްސަލައެއް ކަމަށާއި، މައްސަލައާ ގުޅިގެން ދައުވާލިބޭ ފަރާތުން މިހާރުވެސް ގިނަ ދުވަސްތަކެއް ބަންދުގައި ހޭދަކޮށްފައިވާ ކަމަށެވެ. އެހެންކަމުން މަޤްބޫލު ސަބަބެއް އޮވެގެން މެނުވީ ހެކިން ހާޒިރު ނުވެއްޖެނަމަ އިތުރު ފުރުސަތެއް ނުދެއްވުމަށް ދިފާއީ ވަކީލު އެދިލެއްވިއެވެ.

ފާތިރުގެ މަރާ ގުޅިގެން އިރުފާން ހޯދުމަށް ފުލުހުން އެންމެ ފުރަތަމަ އިއުލާނުކުރީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

އޭނާ ފެނުނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު ގދ ތިނަދޫ އާއި 15 މޭލު ބޭރުން އޮޔާ ދަނިކޮށް އެމްއެންޑީއެފުން އެހީތެރިވި ލޯންޗެއްގައި ހުއްޓައެވެ.

އޭރު މަރުގެ ކޮމިޝަނުންވެސް އޮތީ އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: