ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގައި ފެނަކައިގެ ކޮރަޕްޝަން މައްސަލަ ނުބެލުމުގެ ނަތީޖާއަކަށްވީ ކުންފުނީގެ ޙާލަތު ގޯހުން ގޯހަށް ދިއުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ، މިދިޔަ ސަރުކާރުގެ ފެނަކައިގެ ކޮރަޕްޝަން މައްސަލަށް ބަލާއިރު، އޭސީސީން އޭރުވެސް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި ފަރާތަށް ފިޔަވަޅު އެޅުމަށް ރައީސަށް އަންގަވާފައި އޮތްކަން މާލިއްޔަތު ކޮމިޓީގެ ރިޕޯޓުތަކުން އެނގޭ ކަމަށެވެ.
އެހެންނަމަވެސް އޭރު ދިން އިރުޝާދާ ޚިލާފަށް އަމަލު ކުރުމުގެ ނަތީޖާއަކަށްވީ ފެނަކައިގެ ޙާލަތު ގޯހުން ގޯހަށް ދިއުންކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.
މެމްބަރު އިތުރަށް ވިދާޅުވީ، މިއަދުގެ ސަރުކާރުން އަމަލު ކުރާ ގޮތަކީ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުން ކަމަށެވެ. ސަރުކާރުން އެކަމުގައި އަމަލުކުރަމުންދަނީ ނުހަނު ޒިންމާދާރުވެރިކޮށްކަމަށްވެސް މެމްބަރު ފާހަގަ ކުރެއްވިއެވެ.
މިހާރު ސަރުކާރުން އަމަލު ކުރާ ގޮތަކީ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިިވުމުން އެ މައްސަލައެއް ބެލުން، އަދި ފިޔަވަޅު އެޅުން، ރައްޔިތުންނަށް ޝައްކު ކުރެވި، ތުހުމަތު ކުރެވުނީމާ އެކަމެއް ނުބަލައި ދޫކޮށްލައިގެން ނުވާނެ
ނިމިދިޔަ ދައުރުގައި ފެނަކަ ކުންފުނީގެ އިސްވެރިންގެ ގޮތުގައި ތިބި މީހުން ހިމެނޭ އިތުރު ސީރިއަސް ގިނަ މައްސަލަތަކެއްގައިވެސް ދައުވާކުރުމާއިމެދު ގޮތް ނިންމުމަށް ޕީޖީ އޮފީހާއިއެކު މަސައްކަތްކުރަމުންދާކަމަށް އޭސީސީއިން ދާދި ފަހުން ވަނީ ބުނެފައެވެ.
އޭސީސީއިން އާންމުކޮށްފައިވާގޮތުން އެ މުއައްސަސާއިން ވަނީ ފެނަކަ އެމްޑީގެ މަގާމުގައި ހުންނެވި އަހުމަދު ސައީދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށައަޅާފައެވެ. އަދި އެއީ 2019 ވަނަ އަހަރު ފެނަކަ ކުންފުންޏާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމަކާއި ގުޅުވައިކަން ފާހަގަކޮށްފައިވެއެވެ. އެ މައްސަލައިގައި މިހާރު ޕީޖީ އޮފީހުން ވަނީ ކޯޓަށް ދައުވާވެސް ހުށަހަޅާފައެވެ.
އެ މައްސަލައިގައި ތުހުމަތުކުރެވެނީ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރަން ކަނޑައެޅިފައިވާ މަސައްކަތްތައް އެ ކުންފުނިން ފުރިހަމަކޮށްފައިނުވާއިރު މަސައްކަތްތައް ނިންމިކަން ކަށަވަރުކުރުމެއް ނެތި މަސައްކަތްތަކަށްވާ ފައިސާ ދޫކޮށް އެ ކުންފުންޏަށް ނާޖާއިޒް ފައިދާތަކެއް ހޯދާފައިވުމެވެ.

