މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަދި ބްރޮޑްކޮމްގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން އެގޮތަށް ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައެވެ.
މި ޖަލްސާގައި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ރިޕޯޓުގައި ވާ ނަންތަކަށް މި ޖަލްސާގައި ވަނީ ވޯޓަށް އަހާފައެވެ. އެގޮތުން ސަރާހަތު އެ މަޤާމަށް އައްޔަނު ކުރުމަށް ފެންނަކަމަށް 68 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އަދި މުޙައްމަދު އަބްދުﷲ އެ މަޤާމަށް އައްޔަނު ކުރުމަށް ފެންނަކަމަށް 58 މެމްބަރަކު ވޯޓު ދެއްވިއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމަށްޓަކައި ރައީސުލްޖުމްހުރިއްޔާާ ޑރ މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވި ލިސްޓަށް ބޮޑެތި ބަދަލުތަކެއްވެސް އައިސްފައިވެއެވެ. އެގޮތުން ރައީސް މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުންގެ ނަންފުޅާއި އެ ބޭފުޅުންގެ މައުލޫމާތު އެ މަގާމުތަކަށް އައްޔަންކުރުމަށް އިސްކަންދޭ ތަރުތީބުން ހުށަހަޅުއްވާފައެވެ.
އެހެންނަމަވެސް ފަހުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ރިޕޯޓު އެކުލެވިގެން އައިއިރު، މުހައްމަދު އަބްދުﷲ (މުހައްމާ) ގެ ނަން އޮތީ ލިސްޓުގެ 3 ވަނައިގައެވެ. އަދި 89 އިންސައްތައާއިއެކު އެންމެ މަތިން މާކްސް ލިބިވަޑައިގެން ލިސްޓުގެ ކުރީގައި އޮތީ އެ ކޮމިޝަންގެ މެމްބަރުކަންވެސް ކުރައްވާފައިވާ އާމިނަތު ސަރާހަތު އިއްޒަތެވެ. 84 އިންސައްތައާއިއެކު ލިސްޓުގެ ދެވަނައިގައި އޮތީ ތަޖުރިބާކާރު ނޫސްވެރިޔާ ޝިފްޒާ މުސްތަފާއެވެ.

