ދިވެހިރާއްޖޭގެ ކަނޑުގެ އަޑިން އައު މަސް ބާވަތެއް ފެނިއްޖެކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ސަރަޙައްދީ ކަނޑުގެ އައްސޭރިފަށުން 100 މީޓަރާއި 500 މީޓަރާ ދެމެދުގެ ފުންމިނުގައި ގިނަ އަދަދެއްގެ އައު ދިރުންތަކެއް އުޅޭކަމަށް ލަފާކުރެވެއެވެ.
މި ސަރަޙައްދުގައި ދިރާސާކުރަމުންދާ ސައިންޓިސްޓުންގެ ޓީމަކުން ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑުގައި 387 ފޫޓުގެ ފުންމިނަށް ފީނާފައިވެއެވެ. މި ދިރާސާގެ ތެރެއިން، ރަސްދޫ އަދި ދާޅު އަތޮޅު ދެމެދުގެ ފަރުތަކުގައި އުފެދިފައިވާ ކުދި ލޯވަޅުތަކުގައި ދިރިއުޅޭ ކުޑަ މަހެއް ފާހަގަކުރެވުނެވެ. މި މަސް ހިފައި، ޑީ.އެން.އޭ ތަޙުލީލުކުރުމަށްފަހު، މިއީ ސައިންސަށް އަލަށް ފެނުނު ބާވަތެއްކަން ކަށަވަރުކުރެވިފައިވެއެވެ.
މި އައު ބާވަތަށް ”ޕްލެކްޓްރާންތިއަސް ރަކި“ ނުވަތަ ”ޝައި ޕާކްލެޓް“ ގެ ނަން ދީފައިވެއެވެ.
މި ނަމުގެ އަސްލަކީ ދިވެހިބަހުގެ ”ރަކި“ ކަމަށް ރިޕޯޓުތަކުގައި ބަޔާންކޮށްފައިވެއެވެ. މިގޮތަށް ނަންދިނުމުގެ ސަބަބަކީ މި މަހުގެ ޠަބީޢަތުގައި ލަދުވެތިކަމުގެ ސިފަ ފެންނާތީކަމަށް ބެލެވެއެވެ. ދިރާސާތަކުގެ މަޢުލޫމާތުން އެނގޭގޮތުގައި، މި މަހުގެ ހަށިގަނޑުގެ މައިގަނޑު ކުލައަކީ ފިޔާތޮށި-ހުދުކުލައެވެ. އަދި ބުރަކަށީގައި ރަތާއި އޮރެންޖު ކުލައިގެ ޕެޗްތަކެއް ހުރެއެވެ. ދިރާސާއަށް ހިފުނު މަހުގެ ދިގުމިނަކީ 2.6 އިންޗިއެވެ. ނަމަވެސް، މި ބާވަތުގެ ތަންކޮޅެއް ބޮޑެތި މަސްތައްވެސް ފެނިފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

