ގާނޫނުއަސާސީގައި ބަޔާންކުރާފަދަ މިނިވަން މުސްތަގިއްލު މުވައްސަސާއެއް މި ސަރުކާރުގައި ބިނާވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ހުސްނީ މުބާރިކް ވިދާޅުވީ މި ސަރުކާރަކީ ކޮރަޕްޝަންގެ ކަންކަމަށް ފުރުސަތު ދޭނެ ސަރުކާރެއް ނޫންކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައި ހުރި މައްސަލަތައްވެސް ބެލުމުގެ ފުރުސަތު ފަހި ވެގެންދާނެ ކަމަށާއި އެސްއޯއީ ތަކުގައިވެސް ކޮރަޕްޝަންގެ އަމަލުތައް ހިނގާކަމުގައި ވާނަމަ މިނިވަން ކަމާއެކު އެމައްސަލަތައް ބެލުމުގެ ފުރުސަތު ލިބޭކަން ސާފުވާކަމަށް މެމްބަރު ވިދާޅުވިއެވެ.
”އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާ އެންމެ ރަނގަޅަށް އަދާކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އޭސީސީގެ މަސައްކަތަށް ސަރުކާރުން ހުރަހެއް ނާޅާނެ،“ ހުސްނީ ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރުގެ ތެރޭގައާއި އެސްއޯއީތަކުގައިވެސް ކޮރަޕްޝަންގެ މައްސަލަތައް ކުރިއަށްދާނަމަ އެމައްސަލަތައް ބަލައި، ތަހުގީގުކޮށް ދައުވާކުރަން ބޭނުންވާނަމަ އެކަން އޮތީ ފަހިވެފައި ކަމަށް މެމްބަރު ވިދާޅުވިއެވެ.
އޭސީސީއަށް މެމްބަރުން އައްޔަނުކުރުމަށް ބޭއްވި ޖަލްސާގެ ތެރޭގައި އިދިކޮޅު މެމްބަރުން ވަނީ ސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއްވެސް ކޮށްފައެވެ. ނަމަވެސް، މިފަހުން އެޗްޑީސީގައި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން ސަރުކާރުން ވަނީ ވަގުތުން ފިޔަވަޅު އަޅުއްވައި އެ މައްސަލަ ތަހުގީގުކުރެއްވުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ. އަދި އެކަމާ ގުޅުންހުރި ފަރާތްތަކާމެދު ސަރުކާރުން ވަގުތުން ފިޔަވަޅުވެސް އެޅުއްވިއެވެ.

