ޑިމޮކްރެޓްސްގެ ރައީސާއި ނައިބްރައީސް ހޮވުން 15 ފެބްރުއަރީގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ޑިމޮކްރެޓްސްއިން ކުރި އިއުލާނެއްގައި ބުނީ، ޕާޓީގެ ރައީސާއި ނައިބްރައީސްގެ މަޤާމު ހުސްވުމާއި ގުޅިގެން އެކަމާ ގުޅޭގޮތުން ޕާޓީީގެ ނެޝަނަލް އެސެމްބްލީގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ޕާޓީގެ ނެޝަނަލް އެސެމްބްލީގެ 12 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުމާ އެއްގޮޮތަށް މި މަޤާމުތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް އެތެރޭގެ އިންތިޚާބު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޑިމޮކްރެޓްސްއިން މައުލޫމާތު ދޭ ގޮތުގައި އެ ޕާޓީގެ އެތެރޭގެ އިންތިޚާބު އޮންނާނީ 15 ފެބްރުއަރީ 2025 ގައެވެ. އަދި މި މަޤާމުތަކަށް ވާދަކުރާ މެމްބަރުންނަށް އެ ފުރުސަތު 20 ޖެނުއަރީން ފެށިގެން 23 ޖެނުއަރީ ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލެވިފައިވާކަމަށްވެސް ޑިމޮކްރެޓްސްއިން މައުލޫމާތު ދެއެވެ.
މި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މެމްބަރުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލެވޭނީ 22 ޖެނުއަރީ 2025 ވާ ބުރާސްފަތި ދުވަހުުގެ މެންދުރު 12:00 ގައެވެ. އަދި ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ގަޑިއެއްކަމަށް ކަނޑައެޅިފައިވަނީ 25 ޖެނުއަރީވާ ހޮނިހިރު ދުވަހުގެ 12:00 އެވެ.
މި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މެމްބަރުންގެ ދާއިމީ ލިސްޓު އިއުލާނު ކުރަން ކަނޑައެޅިފައިވަނީ 27 ޖެނުއަރީގައެވެ.
ޑިމޮކްރެޓްސްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ހަސަން ލަތީފް އިސްތިއުފާ ދެއްވުމަށް ފަހު، އެމްޑީޕީއަށް ސޮއިކުރުމާ ގުޅިގެންނެވެ. އަދި ނައިބު ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި މުހައްމަދު ޝިފާޒު އެމްޑީޕީއަށް ސޮއިކުރުމުންނެވެ.
މި މެންބަރުން އެމްޑީޕީއާއި ގުޅުމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްއިން ވަނީ ޕާޓީ ކުރިއަށް ދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ތެރޭގައި އުފެދުން ހިޔާލު ތަފާތުވުމެއްގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދި ޕާޓީއެކެވެ.

