ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އެއްވެސް މުވައްސާއެއްގެ ތަހުގީގަކަށް ހޯމް މިނިސްޓަރ އަލީ އިހުސާން ހުރަސްއަޅުއްވާފައި ނުވާނެ ކަމަށާއި އެއީ ސާބިތުކޮށްދެވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ސަރުކާރު ޕްރޮގްރާމްގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ޝަހީދު ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެވެސް އެންމެ ބޮޑު ކަމަކަށް އޮތީ މުވައްސަސާތަކަށް އަތްބާނާ، މުވައްސަސާތަކުގެ ވެރިންގެ ކޮރަޕްޝަނާއި ފަސާދައިގެ ސަބަބުން އެ މުވައްސަސާތައް ހިންގުމަށް ދަތިވުން ކަމަށެވެ. އެހެންނަމަވެސް މިސަރުކާރުގެ އެފަދަ މައްސަލަތަކެއް ނޯންނާނެ ކަމަށާއި، ޔުނިފޯމް ބޮޑީތަކަށް އަމުރުކުރެވޭ ނުވަތަ ހޯމް މިނިސްޓަރ އިހުސާންގެ ދަށުން އޮންނާނީ 4 ޔުނިފޯމް ބޮޑީ ކަމަށް ވިދާޅުވިއެވެ.
ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ ވަޒިރުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުއްވައިގެން ވާހަކަ ދައްކަވާ ބޭފުޅުނަށް އެންމެ ކޮރަޕްޝަންގެ އަމަލެއްވިޔަސް، ކެރިވަޑައިގަންނަވާ ނަމަ ސާބިތުކޮށްދެވުމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި، އޭސީސީއާއި ދިވެހި ފުލުހުންގެ ހިދުމަތާއި މިހުރިހާ މުވައްސަސާތަކެއްގެ ދޮރު ވަނީ ހުޅުވިފައި ކަމަށެވެ.
”ވާހަކަފުޅު ދައްކަވާއިރު ހީވޭ މާތްކަލާކޯއޭ ހުރިހާ ތަނެއްގެ ދޮރުހުރީ ތަޅުލާފަބާއޭ، މީން މީހަކަށް ވަދެވެންވެސް ނެތީ ބާއޭ. މި ވަރަށް މިކަން އެނގިވަޑައިގަންނަވާނަމަ، މިފަދަ އިލްޒާމެއް އަޅުވާއިރު އިލްޒާމްގެ ތެދު ދޮގު ސާބިތުކޮށްދިނުމަކީ އެ އިލްޒާމެއް އަޅުވާ ފަރާތެއްގެ ޒިންމާއެއް“
މިނިސްޓަރ އިހުސާންގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި އެމްޑީޕީން ހުށައަޅުއްވާފައިވާ ޕޮއިންޓުތަކަށް ބަލާއިރު ޑާޓާ ބޭސްއިން މީހަކު ކޮށްފައިވާ ވައްކަމެއް، ނުވަތަ ކޯޓާއިން ކޯށްފައިވާ ވައްކަމެއް އަދި ދިވެހި ފުލުހުންނަށް ގުޅުއްވާ ނުވަތަ ވަކިވަކި ފުލުހުންނަށް ގުޅުއްވާ ތަހުގީގަށް އެޅުއްވި ހުރަހެއް އަޅުއްވާފައި ނުވާނެ ކަމަށް ޝަހީދް ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމަށް ހުރަސްއަޅުއްވާފައި ނޯންނާނެ ކަމަށާއި އެކަން ސާބިތުކޮށްދެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
ވައްކަމެއް، ހިޔާނާތުގެ މައްސަލައެއް އޮތްކަމުގައި ވާނަމަ އެކަމެއް ބަލަން، ފުރިހަމައަށް ފުރުސަތު އޮތް ކަމަށް ވަނީ ވިދާޅުވެފައެވެ. މީގެއިތުރަށް ޑެޕިއުޓީ ވިދާޅުވީ އެމްޑީޕީން ހިންގާފައިވަނީ ވަރަށް ޒިންމާދާރު ކުޑަ އަމަލެއް ކަމަށެވެ. އަދި ޒިންމާދާރު ސިޔާސީ ޕާޓީއެއްނަމަ މަސައްކަތް ކުރައްވާނީ ކަމުގެ ހަގީގަތް ހޯއްދަވައިގެން ކަމަށްވެސް ވިދާޅުވިއެވެ.

