މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ މުއައްސަސާ އަދި އެހެނިހެން މުއައްސަސާތަކުގެ އިސްވެރިން ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހުގައި އެ ރަށުގެ އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދެއްވުމަށް އެދިވަޑައިގެންފިއެވެ.
ރާއްޖޭގެ އެކި ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ މުއިއްޒުވަނީ ރ ރަސްގެތީމަށް ވަޑައިގެންފައެވެ. އަދި އެ ރަށުގެ ކައުންސިލާއި އެހެނިހެން މުއައްސަސާތަކާއި އެކު މަޝްވަރާތައް ކުރިއަށް ގެންދެވިއިރު ބޭނުންޖެހިފައިވާ ތަރައްގީތަކުގެ ވާހަކަތައް ރައީސްއާއި ހިއްސާކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އެގޮތުން ކައުންސިލުންވަނީ ރަށުގެ ތަރައްގީއަށް ބޭޏުންވާ މުހިންމު އެތައް ކަމެއް ރައީސް ޑރ މުއިއްޒު އާއި ހިއްސާކޮށްފައެވެ. މީގެ ތެރޭގައި ރަށުގެ ބަނދަރުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމާއި، ރަށުގެ ކަރަންޓު ވިއުގަ މަރާމާތުކޮށްދެއްވުމުގެ އިތުރުން ފެނާއި ނަރުދަމާގެ ވިއުގައިގެ މައްސަލަތަކުގެ އިތުރުން ރަސްގަތީމު ސުކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުންވެސް ހިމެނެއެވެ. ކައުންސިލުންވަނީ އެތަނުގައި އިތުރު ކްލާސްރޫމްތަކާއެކު މަލްޓިޕާޕަސް ހޯލެއް ގާއިމުކޮށްދެއްވުމުގެ މުހިންމުކަންވެސް ރައީސްއާއި ހިއްސާކޮށްފައެވެ. ރަށުގައި ކުޑަކުދިންގެ ޕާކެއްގެ ބޭނުންޖެހިފައިވާކަންވެސް ކައުންސިލުން ހާމަކޮށްފައިވެއެވެ.
ކައުންސިލުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ވަނީ ފާހަގަކުރެވިގެންދިޔަ ކަންކަން ބައްލަވައި އެ ދަތިތަކަށް އެކަށީގެންވާ ހައްލެއް ގެނައުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވެސް ވަނީ ރަސްގެތީމުގެ ތަރައްގީއަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ އަދާ ހަމަ މައުލޫމާތު ހިއްސާކުރައްވާފައިކަމަށްވާއިރު ބައްދަލުވުމުގެ ކުރިއަށް ރައީސްވަނީ ރަށުގައި އަލަށް އިމާރާތްކޮށްފައިވާ ކައުންސިލް އިދާރާ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

