މާލެ އަދި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ މި މަސައްކަތަކީ މާލެ އަދި ހުޅުމާލޭގެ މަގުތަކަކީ އަމާން ރައްކާތެރިތަނަކަށް ހަދައި މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށެވެ.
މިއީ އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރު ކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށާއި ޕާކް ކުރާނެ ޖާގަ ހެދުމަށް ކުރެވޭ މަސައްކަތެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
މާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަން އަންނައިރު ދާދިފަހުން ފުލުހުންނާއި އެޗްޑީސީ ގުޅިގެން ވަނީ ހުޅުމާލޭ މަގުތަކުގައި ހުރި ބާ އުޅަނދުތައް ވެސް ނަގާފައެވެ.
ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކްކުރުމަށް ވަގުތީ ބިމެއް ސަރުކާރުން ހަމަޖައްސާފަވާއިރު ދާދިފަހުން ވަނީ ގަވާއިދުތަކާއި އުސޫލުތަކާއި ޚިލާފަށް ބޭނުންކުރަމުންދާ އުޅަނދުތަކުގެ ރަޖިސްޓްރީއާ އެހެނިހެން ކަންކަން އިސްލާހުކުރަންދެން، ވަގުތީގޮތުން އެ އުޅަނދުތައް ބޭއްވުމަށްވެސް ބިމެއް ހަމަޖައްސާފައެވެ.
ހަތަރުފުރޮޅުލީ އުޅަނދު ޕާކުކުރުމަށް ހުޅުމާލެއިން ހަމަޖައްސާފައިވަނީ ހުޅުމާލެ ސަހަރާ މިސްކިތް ކުރިމައްޗަށް އޮތް ބިމެވެ. 90،000 އަކަފޫޓުގެ މި ބިމުގެ 50،000 އަކަފޫޓް ޚާއްސަކޮށްފައިވަނީ ޓެކްސީތައް ފަދަ ހަތަރުފުރޮޅުލީ ވެހިކަލްތަކަށެވެ. އަދި 40،000 އަކަފޫޓްގެ ސަރަޙައްދު ޚާއްސަކޮށްފައިވަނީ ހުޅުމާލެ މަގުތަކުގައި ޤަވައިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯރ ކުރުމަށްފަހު ގެނެސް ބެހެއްޓުމަށެވެ.

