ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުން ޗައިނާއަށް ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި އައު ޚިދުމަތުގެ ފުރަތަމަ ދަތުރު ކުރެވިފައިވަނީ ޗައިނާގެ ޗެންޑޫ ސިޓީއަށެވެ.
މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެނެވުނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. މިއަދުގެ މި ފުރަތަމަ ދަތުރުގައި ޖުމްލަ 52 ފަސިންޖަރުން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 32 ފަސިންޖަރުންނަކީ ފަތުރުވެރިންނެވެ.
މޯލްޑިވިއަންގެ ފަރާތުން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، މިހާރު ރާއްޖެއިން ޗައިނާގެ 3 ސިޓީއަކަށް ހަފުތާއަކު 3 ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެއީ ޗައިނާގެ ޗެންޑޫ ސިޓީ, ޝެންހާއީ އަދި ބެއިޖިންގއެވެ. މި ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހޯމަ، ބުދަ އަދި ހުކުރު ދުވަހުއެވެ
ވައިޑް-ބޮޑީ މަތިންދާބޯޓު މޯލްޑިވިއަންގެ ޚިދުމަތަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅު އިތުރަށް ފުރިހަމަކުރުމުގެ ގޮތުން، އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާބޯޓެއް ރާއްޖެއަށް ގެނެސް، ޔޫރަޕަށް ދަތުރުތައް ފެށުމަށް ޤައުމީ އެއަރލައިނުން އަންނަނީ ތައްޔާރުވަމުންނެވެ.
މި އައު ޚިދުމަތުގެ ސަބަބުން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވެ، ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށާއި، މި ފިޔަވަޅުގެ ސަބަބުން ދިވެހި އިޤްތިޞާދަށްވެސް ފާހަގަކޮށްލެވޭ ފައިދާތަކެއް ކުރާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

