ބެންކް އޮފް މޯލްޑިވްސްއިން އިސްލާމިކް ބެންކިންގް ހިދުމަތްތައް ދެމުން އަންނަތާ ދިހަ އަހަރު ފުރިއްޖެއެވެ.
ބެންކް އޮފް މޯލްޑިވްސްއިން ބުނެފައިވާގޮތުން، ބީއެމްއެލް އިސްލާމިކް ގާއިމުކުރެވުނީއްސުރެވެސް އިސްލާމިކް ބެންކިންގް ހިދުމަތްތައް ދެމުން އައިސްފައިވަނީ ޝަރީއާއާ އެއްގޮތަށްކަމަށާއި އެކަމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޕްރޮޑަކްޓުތައް މެދުވެރިކޮށްކަމަށެވެ. އެގޮތުން ބީއެމްއެލް އިސްލާމިކްގެ ފަންޑު މުޅިން ވަކިކޮށް އިސްލާމިކް ބެންކިންގެ ދާއިރާގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ އެންމެ ރަނގަޅު މިންގަނޑުތަކާއި އެއްގޮތަށް ހިދުމަތްތައް ދަމަހައްޓާފައިވާނެކަމަށް ފާހަގަކޮށްފައިވެއެވެ.
ބެންކުގެ ސްޓްރެޓިޖީއާ އެއްގޮތަށް އޭދަފުއްޓާއި، މަހިބަދޫ އަދި ގަމުގައި ހުންނަ ބްރާންޗުތައްވެސް މިހާރުން ފެށިގެން ބީއެމްއެލް އިސްލާމިކްގެ ބްރާންޗުތަކަކަށް ރީބްރޭންޑްކޮށް އެ ބްރާންޗުތަކުން ހިދުމަތް ދެމުން ދާނީ އިސްލާމިކް ބޭންކިންގް ހިދުމަތްތަކަށް އިސްކަން ދީގެންކަމަށެވެ.
އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލް އިސްލާމިކް އަށް 10 އަހަރު ފުރިގެން ދިޔުމަކީ ބޭންކް އޮފް މޯލްޑިވްސްއަށް ލިބޭ ފަހުރެއްކަމަށާއި ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްއިން އެކައުންޓް، ކާޑު އަދި ފައިނޭންސިން ހިދުމަތްތައް ހިމެނޭހެން ހުރިހާ ހިދުމަތެއް ފޯރުކޮށްދެމުން އަންނަކަމަށެވެ. އޭނާ ވިދާޅުވީ، ބީއެމްއެލްއަކީ އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިންގ، ކޭޝް ފައިނޭންސިން، ހައިބްރިޑް ހޯމް ފައިނޭންސިން އަދި އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފްކުރި ކުންފުނިކަމަށެވެ.
އޭނާ ވިދާޅުވީ، ބީއެމްއެލްއަކީ ރާއްޖޭގެ ހަމައެކަނި ޝަރީއާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑުގެ ހިދުމަތް ފޯރުކޮށްދޭ ބެންކުކަމަށެވެ. އަދި ބްރާންޗުތަކަށް ގެނެވިފައިވާ ބަދަލުތަކުން ދައްކުވައިދެނީ ރައްޔިތުން ބޭނުންވާފަދަ ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ބެންކުން ދޭ އަހައްމިއްޔަތުކަމަށް ފާހަގަކުރެއްވިއެވެ.

