ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތްތަކަކީ ސ. ހިތަދޫ މުބާރިކް މުޙައްމަދު އާއި ޏ. ފުވައްމުލަކު އަޙްމަދު ފަޔާޝް އަދި އަޙްމަދު ނާދީފްއެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ 22 ޖެނުއަރީގައި މާލޭގައެވެ.
ފުލުހުންގެ ބަޔާނުގައި ވާގޮތުން، މި ހާދިސާގައި ފޭރިގަނެފައިވަނީ އެކި ޤައުމުތަކުގެ ފައިސާއެވެ. މީގެ ތެރޭގައި ޖުމްލަ 1,000 ރުފިޔާއާއި އެހެނިހެން ބޭރު ފައިސާ ހިމެނެއެވެ. އަދި ޝައްކުކުރެވޭ ފަރާތްތައް ހައްޔަރުކުރިއިރު، ފޭރިގަތް ފައިސާގެ ތެރެއިން ބައެއް ފައިސާ ވެސް ވަނީ އަތުލެވިފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައިގެ ތަޙްޤީޤު މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރު މަޢުލޫމާތު ލިބިއްޖެނަމަ، އާންމުންނަށް ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި ބާވަތުގެ ކުށްތައް އިތުރުވަމުން ދިއުމާ ގުޅިގެން، ރޭގަނޑުގެ ވަގުތުތަކުގައި މަގުމަތީގައި ހިނގާބިނގާވެ އުޅޭއިރު ސަމާލުވުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

