ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދާ މޯލްޑިވްސް ޑެސްޓިނޭޝަން ރޯޑްޝޯއަށް ތައިލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގް ވަޑައިގެންފިއެވެ. މި ރޯޑްޝޯ ބޭއްވެނީ ބެންކޮކްގެ އެންމެ މަޤްބޫލު އެއް ޝޮޕިންގ މޯލް ކަމުގައިވާ ސެންޓްރަލް ވޯލްޑް ޝޮޕިންގ މޯލްގެ ފެއަރ ގްރައުންޑުގައެވެ.
މި އިވެންޓަކީ ރަށްރަށުގެ ގެސްޓްހައުސްތަކާއި ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ޚާއްޞަކޮށް ކައުންސިލްތަކަށް ބާއްވާ ޓޫރިޒަމް އިވެންޓެކެވެ. މި ރޯޑްޝޯގައި 16 ކައުންޓަރުން ޚިދުމަތް ދެމުންދާއިރު، 60 ޑެލިގޭޓުން ބައިވެރިވެފައިވެއެވެ.
އެމްބެސެޑަރ ފުއާދު ވަނީ މި އިވެންޓަށް ޒިޔާރަތްކުރައްވައި، ބައިވެރިވެވަޑައިގެންނެވި ކައުންސިލްތަކާ ބައްދަލުކުރައްވައި ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި އިވެންޓް އިންތިޒާމުކުރެއްވި ފަރާތްތަކާ ވާހަކަފުޅު ދައްކަވަމުން، މި މަސައްކަތަށް ހިތްވަރުދެއްވައި، ކުރިއަށް އޮތްތަނުގައިވެސް މިފަދަ އިވެންޓްތަކުގައި އެމްބަސީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މި ރޯޑްޝޯއަކީ ރާއްޖޭގެ ކައުންސިލްތައް ބައިވެރިކޮށްގެން، ރާއްޖެއިން ބޭރުގައި ވަކިވަކި ރަށްތައް ޕްރޮމޯޓްކުރުމަށް ބާއްވާ އެންމެ ފުރަތަމަ އިވެންޓެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކައުންސިލްތައް ބާރުވެރިކޮށް، ފަތުރުވެރި މަންޒިލްތަކެއްގެ ގޮތުގައި ރަށްތައް އިޝްތިހާރުކުރުމަށް ކުރެއްވި އިލްތިމާސްއާ އެއްގޮތަށް ބާއްވާ އިވެންޓެކެވެ.
ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އިވެންޓް ބޭއްވެނީ ޗައިނީސް ނިއު އިޔަރއާ ދިމާކޮށްކަމުން، ގިނަ ބަޔަކު މި ރޯޑްޝޯއަށް ޒިޔާރަތްކުރާނެކަމަށް ބެލެވެއެވެ. އަދި ފެއަރ އޮންނަ ތަނަކީ ސެންޓްރަލް ވޯލްޑް ކަމަށްވުމުން، އެތަނަކީ އަބަދުވެސް ގިނަ ބަޔަކު ޒިޔާރަތްކުރާ ތަނަކަށްވާތީ، ގިނަ ބަޔަކަށް ރަށްރަށުގެ ގެސްޓްހައުސްތައް އިޝްތިހާރުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ރޯޑްޝޯގައި ބައިވެރިވާ ކައުންސިލްތައް ތަމްސީލުކުރާ ރަށްތަކަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ޓޫރިޒަމް ތަރައްޤީވެފައިވާ ރަށްތަކެވެ. މިގޮތުން، ތުލުސްދޫގައި އެކަނި 250 އެއްހާ އެނދު ހުރިއިރު، މާފުށީގައި 2,800 އެއްހާ އެނދު ހުރެއެވެ. މިކަމުން، މި ރަށްތައް ތަމްސީލުކުރަން ވަޑައިގެންނެވި ކައުންސިލްތަކަކީ ރާއްޖޭގެ ގެސްޓްހައުސް އެނދުގެ ބޮޑު ޕަސެންޓެއް ހިއްސާކުރާ ރަށްތަކުގެ ކައުންސިލްތައްކަން މި އިވެންޓުގެ ތެރެއިން ވަނީ ފާހަގަކުރެވިފައެވެ.
މި ރޯޑްޝޯ މެދުވެރިކޮށް ރާއްޖޭގެ ލޯކަލް ޓޫރިޒަމް އިންޑަސްޓްރީއަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް އުއްމީދުކުރެވެއެވެ. ޚާއްޞަކޮށް ތައިލެންޑުގެ ފަތުރުވެރިންނަށް ރާއްޖޭގެ ރަށްރަށުގައި ހުރި ގެސްޓްހައުސްތަކާއި އެހެނިހެން ޓޫރިސްޓް ފެސިލިޓީތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް މި ރޯޑްޝޯ މެދުވެރިކޮށް ވަރަށް ބޮޑު ފުރުޞަތެއް ލިބިގެންދާނެއެވެ.
އެމްބެސެޑަރ ފުއާދު ތައުފީގްގެ ބައިވެރިވުމާއެކު މި އިވެންޓަށް އިތުރު ބާރަކާއި ހިތްވަރެއް ލިބިގެންދިޔައެވެ. އެމްބެސެޑަރގެ ބައިވެރިވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ތަރައްޤީ ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
މި ރޯޑްޝޯގެ ސަބަބުން ރާއްޖޭގެ ކައުންސިލްތަކަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށް ބެލެވެއެވެ. ޚާއްޞަކޮށް އެ ރަށްރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ބޭރުގެ އިންވެސްޓަރުން ގެނައުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ވަކިވަކި ރަށްތަކުގެ ޚާއްޞަ ސިފަތަކާއި، އެ ރަށްރަށުގައި ލިބެންހުރި ޚިދުމަތްތަކުގެ މަޢުލޫމާތު ސީދާ ފަތުރުވެރިންނާ ހަމައަށް ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

