ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ގާތުން މުޢާމަލާތް ކުރައްވާތީ ވާދަވެރިންނަށް އުނދަގޫވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ ރ. އަތޮޅު ދަތުރުފުޅަކީ އެ އަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަން ގެނުވި، މުހިންމު ޚިދުމަތްތަކެއް ފެށިގެންދިޔަ އަދި އުންމީދުތަކެއް ގެނުވި ތާރީޚީ ދަތުރުފުޅެކެވެ. އަދި ވަކިން ޚާއްޞަކޮށް ރައްޔިތުންނާއެކު ރައީސް ހޭދަކުރައްވާ އަގުހުރި ވަގުތުތަކުގެ ސަބަބުން ވާދަވެރިންނަށް އުނދަގޫވާ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު މިހާރު ގެންދަވަނީ އަތޮޅުތެރޭގެ ރަށްތަކަށް ސިލްސިލާ ދަތުރުތަކެއް ކުރައްވަމުންނެވެ. މިއީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގަތުމުގެ ވަޢުދު ފުއްދެވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅުތަކެކެވެ. މި ދަތުރުފުޅުތަކުގައި ރައީސް ވަނީ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި، ރަށްތަކުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވަމުން ގެންދަވާފައެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މި ދަތުރުފުޅުތަކުގެ މައިގަނޑު ބޭނުމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވައި ދެއްވުމެވެ. މިގޮތުން ރައީސްގެ މި މަސައްކަތްޕުޅުތަކަކީ ރައްޔިތުންނާ ގުޅުން ބަދަހިކުރެއްވުމަށް ކުރައްވާ މުހިންމު މަސައްކަތްޕުޅުތަކެއް ކަމުގައި ބެލެވެއެވެ.

