އެމްޑީޕީގެ ކަންމަތީ ޖަލްސާއެއްގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، މި ގާނޫނުގެ ސަބަބުން ކޮންމެ ރިސޯޓު މުވައްޒަފެއްގެ އާމްދަނީން 5000 އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދެއް ގެއްލިގެންދާނެ ކަމަށެވެ.
މައުރޫފް ވިދާޅުވި ގޮތުގައި ރާއްޖޭގެ 40 އެއްހާ ރިސޯޓު ފިޔަވައި އެހެން ރިސޯޓުތަކަށް މި ގާނޫނުން ޑޮލަރު މާރު ނުކުރެވޭނެކަން ސަރުކާރަށް އެނގޭ ކަމަށެވެ. އަދި ސަރުކާރުގެ މަގުސަދަކީ މުވައްޒަފުންނަށް ލިބޭ ޑޮލަރު އަތުލައި، އެ ފަރާތްތައް ނިކަމެތިކުރުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މީގެއިތުރުން މައުރޫފް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ މުވައްޒަފުން ބިކަކޮށް ސަލާންޖަހަން ދޫކޮށްލުން ކަމަށެވެ. އަދި ރައީސް މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު 10 ބިލިއަން ރުފިޔާގެ ވައްކަން ކުރައްވާނެ ކަމަށް މީހުން ބުނާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މައުރޫފް އިތުރަށް ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުންދާ ކަމަށާއި، އިންތިޚާބާ ދިމާވެއްޖެނަމަ ފައިސާ ދީގެން ވޯޓު ގަތުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
މި ހާލަތުން އަރައިގަތުމަށް ރައްޔިތުން މަގުމައްޗަށް ނިކުންނަން ޖެހޭނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ސަރުކާރު ހަމަމަގަށް އެޅުވުމަށް މަސައްކަތް ނުކޮށްފިނަމަ، ޤައުމު ދިގު މުއްދަތަކަށް ނިކަމެތިކަމުގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

