ޖިނާއީ މައްސަލައެއްގައި ތުހުމަތުކުރެވޭ ދިވެހި ރައްޔިތަކަށް ދިވެހިބަސް ފަހުމު ނުވާތީ ޝަރީޢަތުގެ މަޖިލީހުގައި ތަރުޖަމާނެއްގެ އެހީތެރިކަން ހޯދައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވިފައިވަނީ 19 އަހަރުގެ ދިވެހި ޒުވާނެކެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މަކަރާއި ހީލަތުގެ ޢަމަލެއް ހިންގިކަމުގެ ކުށުގައެވެ.
މައްސަލައާ ގުޅިގެން، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މިގޮތުން، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ކޯޓަށް ޤަބޫލުކުރެވެއެވެ. އަދި ތުހުމަތުކުރެވޭ ފަރާތަށް ދިވެހިބަސް އެކަށީގެންވާ މިންވަރަށް ނޭނގޭތީ، ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދެވިފައިވަނީ ތަރުޖަމާނެއްގެ އެހީތެރިކަމާއެކުގައިކަންވެސް ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، މި މައްސަލައިގައި ލައްކައަކަށްވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން ނަގާފައިވާކަމަށާއި، މި ފައިސާގެ ބޮޑު ބައެއް ތުހުމަތުކުރެވޭ ފަރާތުގެ ބޭންކް އެކައުންޓަށް ޖަމާކުރެވިފައިވާކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އަދި އޭގެފަހުން، އެ ފައިސާ އެހެން ފަރާތްތަކަށް ޓްރާންސްފަރ ކޮށްފައިވާ ކަމަށްވެސް މައްސަލަ ތަޙްޤީޤުކުރާ އޮފިސަރުގެ ބަޔާނަށް ހަވާލާދީ ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، ތުހުމަތުކުރެވޭ ފަރާތުން ވަނީ މި މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކަކީ އޭނާއަށް އެނގޭ ބައެއް ނޫންކަމަށް ބުނެފައެވެ. އަދި މި ޢަމަލު ހިންގާފައިވަނީ އޭނާއަށް ބިރުދެއްކުމުގެ ސަބަބުންކަމަށްވެސް ކޯޓުގައި ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ޤާޟީ އިބްރާހީމް ޛިހުނީއެވެ.
މީގެ ކުރިންވެސް މިފަދަ މައްސަލަތައް ދިމާވެފައިވެއެވެ. އެގޮތުން، ބައެއް ދިވެހިންނަށް ތަރުޖަމާނުންގެ އެހީތެރިކަން ބޭނުންވާކަން ކުރިން ހިނގާފައިވާ ބައެއް މައްސަލަތަކުގައިވެސް ފާހަގަކުރެވިފައިވެއެވެ.

