އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުހެއްކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ކުރި އަމުރު ކްރިމިނަލް ކޯޓުން ދަމަހައްޓައިފިއެވެ.
މި މައްސަލައިގައި ދައުލަތުގެ ހެކިންގެ ތެރެއިން ބާކީ ނުނެގި ހުރި ހެކިންނަކީ ޕޯސްޓްމޯޓަށް ހެދި ޑޮކްޓަރާއެކު އެތަނުގައި ހުރި ޑޮކްޓަރަކާއި، އަދި އިތުރު ދެ ތަހުގީގު އޮފިސަރެކެވެ.
ދައުލަތުން މި އަޑުއެހުމުގައި ބުނީ، ދައުލަތުން ނަގަން ބޭނުންވި ހެކިބަސްތައް މިހާރު ނެގިފައިވާކަމަށާއި، އެހެންކަމުން ބާކީ ތިބި ހެކިންގެ ހެކިބަސް އިތުރަށް ނަގަން ބޭނުންނުވާ ކަމަށެވެ.
އެއަށްފަހު ދެން ކުރިއަށްދިޔައީ ލަމްހާގެ ބަންދު މުރާޖައާގެ ބައެވެ. އެގޮތުން ދައުލަތުން ވަނީ އައު ހެކިތަކާއެކު އަނެއްކާވެސް ލަމްހާގެ ބަންދު މުރާޖައާކުރުމަށް ހުށަހަޅާފައެވެ. އެގޮތުން ދައުލަތުން އައު ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ލަމްހާ ޖަލުގައި ޤައިދީންތަކަކަށް މަރުގެ އިންޒާރު ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުންދާތީ އެކަމާ ގުޅޭ ލިއެކިއުންތަކެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދިފާއީ ވަކީލު ވިދާޅުވީ، ދައުލަތުން އައު ލިއެކިއުންތަކަކާއެކު ލަމްހާގެ ބަންދު މުރާޖައާ ކުރުމަށް އަނެއްކާވެސް ހުށަހަޅާފައިމިވަނީ އލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ނިންމައި ޙުކުމަކާ ގާތްވެފައިވަނިކޮށް ކަމަށެވެ.
އޭގެ އިތުރުން، ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައި ހުރިއިރު ފުލުހުންގެ ހުއްދަ ނުހޯދައި ނުކުމެފައިވާކަމަށާއި، އެގޮތުން ކޯޓަށް ހާޒިރުވެފައިވަނީވެސް ފުލުހުންނަށް ނާނގައިކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެހެންކަމުން ޝަރުތާ ޚިލާފުވީކަމަށް ބެލެވޭނެކަންވެސް ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.
ކޯޓަށް ހާޒިރުވާން އަމުރު އައުމުން ކޯޓަށް ހާޒިރުވާންވާނީވެސް ފުލުހުންގެ ހުއްދަ ހޯދައިގެންކަމަށް ވަކީލު ވިދާޅުވިއެވެ.
މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ކޯޓު އަމުރުތަކާ އެއްގޮތަށް ކޯޓަށް ހާޒިރުވުންވެސް ލަމްހާއަށް ކުރި ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށާއި، އެހެންކަމުން މި ޙާލަތުގައި މާނަ ކުރެވެނީ ކޯޓަށް ހާޒިރުވުން ފިޔަވައި އެހެން ބޭނުންތަކަށް ނުކުންނައިރު ފުލުހުންގެ ހުއްދަ ހޯދުމުގެ ވާހަކަ ކަމަށެވެ.
އެހެންވެ ގާޒީ ނިންމެވީ ލަމްހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން ނިންމި ނިންމުން ދަމަހައްޓާފައެވެ. އޭގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ލަމްހާ ކޯޓަށް ހާޒިރުވާއިރުވެސް ފުލުހުންގެ ހުއްދަ ހޯދުމަށް އަންގާފައިވެއެވެ.
ލަމްހާ ބަންދުން ދޫކޮށްލީ ފުރުން މަނާކޮށް އިތުރު 6 ޝަރުތަކާއެކުއެވެ. އޭގެ ތެރޭގައި ބަންދުން ދޫކޮށްލާފައިވާ މުއްދަތުގައި އިތުރު ކުށަކަށް އަރައިނުގަތުމާއި، ކޯޓު އަމުރުތަކާ އެއްގޮތަށް ކޯޓަށް ހާޒިރުވުމާއި، މާލެސިޓީން ބޭރަށްދާނަމަ ކޯޓުގެ ހުއްދަ ނެގުމާއި، ހެކިބަސް ދޭނެކަމަށް ބެލެވޭ މީހުންނާ މުއާމަލާތު ނުކުރުމާއި، ގެއިން ބޭރަށްދާއިރު ފުލުހުންގެ ހުއްދަ ހޯދުމާއި، ރާއްޖެއިން ބޭރަށް ފުރައިގެން ނުދިއުން ހިމެނެއެވެ.

