އިހަވަންދޫގެ މަސްވެރިކަމުގެ މަސައްކަތްތަކަށް ކުރިއެރުވުމުގެ ގޮތުން ބިންގާ އެޅިފައިވާ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް މޭ މަހުގެ ތެރޭގައި ފެށިގެންދާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިހަވަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، އެ ރަށުގައި ގިނަ މަސައްކަތްތަކެއް ފެށިގެންގޮސްފައިވާކަމަށާއި ފެށިފައިވަނީ ރަށުގެ ތަރައްގީއަށް މުހިންމު ކަންތައްތަކެއްކަމަށެވެ. ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެވަޑައިގެންނެވި ބައެއް ވައުދުތަކާއި ރަށުގެ ތަރައްގީއަށާއި މެދުރާސްތާއާއި ދުރުރާސްތާގެ ތަރައްގީގެ އިތުރުން ސަރަހައްދީ ތަރައްގީގެ ވިސްނުމުގައިވެސް އިހަވަންދޫގައި ފެށިފައިވާ މަސައްކަތްތައް މުހިންމުކަމަށެވެ.
ރައީސް ވިދާޅުވީ، މިއަދު ހަ ކަމެއްގައި ބިންގާ އެޅި ސޮއިކުރެވިފައިވާކަމަށާއި އޭގެ ތެރޭގައި ފިޝަރީޒް ކޮމްޕްލެކްސް ހިމެނޭއިރު އެއީ ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭ މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެ މަޝްރޫޢު އޮތީ މީގެ ކުރިން ވައުދުވެވަޑައިގެންނެވި ވަރަށްވުރެވެސް ކެޕޭސިޓީ އަދި އެކަމުން ލިބިގެންދާނެ ފުރުސަތުތައް އިތުރުވެގެންދާ ގޮތެއްގެ މަތިންކަމަށެވެ.
ރައީސް ވިދާޅުވީ، ބެންކުގެ ހިދުމަތް އެމްއައިބީއިން ދިނުމަށާއި ދަނޑުގެ މަސައްކަތްތަކުގެ އިތުރުން ސިއްހީ ދާއިރާއިން ހޮސްޕިޓަލްގެ މަސައްކަތްތަކާއި އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ފަދަ ކަންކަންވެސް ހިމެނިގެންދާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތްތައް ބާރު ސްޕީޑުގައި ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ކުރިއަށް ގެންދަވާނެކަމަށާއި އެކަންކަމުގެ ފުރިހަމަކަން ވަރަށް އަވަހަށް ރައްޔިތުންނަށް ފެނި އޭގެ ނަފާ ލިބިގެންދާނެކަމަށެވެ. އަދި މިހާރު ފެށިފައިވާ ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތަކީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ މަސައްކަތްތަކަށް ވާނެކަން ޔަގީންކުރައްވާކަންވެސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އިހަވަންދޫއަކީ މަސްވެރިކަމުގެ ސިނާއަތުގައި މުހިންމު ރަށެއްކަމަށްވާއިރު ވައުދުވެވަޑައިގެންފައިވަނީ މުޅި ރާއްޖޭގެ މަސްވެރިކަންވެސް ތަރައްގީކުރެއްވުމަށްކަމަށާއި އެ ވައުދުފުޅުގެ މަތިން އިހަވަންދޫގައި މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާކަމަށެވެ. އަދި މިހާރު ބިންގާ އެޅިފައިވާ ފިޝަރީޒް ކޮމްޕްލެކްސްގެ މަޝްރޫޢުއަކީ އެ ވައުދުގެ މަތިން ކުރިއަށް ގެންދާ މަސައްކަތްތަކެއްކަމަށާއި އެކަމުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނީ އިދާރީ ކަންކަމާއި ފަންނީ ކަންކަން ކުރިއަށް ގެންދިއުމަށް މޭ މަހުގެ ތެރޭގައިކަމަށާއި ގިނަ ބައިތަކެއް އެ މަސައްކަތްތަކުގައި ހިމެނޭކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެ މަޝްރޫޢުގެ ދަށުން 1000 ޓަނުގެ ކޯލްޑް ސްޓޯރެޖެއް ގާއިމުކުރުމާއި 50 ޓަނުގެ ބްރައިން ފްރީޒިންގް ފެސިލިޓީގެ އިތުރުން އޮފީސްޖާގަ އަދި އިންޖީނުގެވެސް ހިމެނޭނެއިރު 7 މީޓަރު ފުންމިނުގެ 1000 މީޓަރު ދިގު މަގަތު ފާލަމަކާއި ތިން ޕޮއިންޓުން މަސްކިރޭ 4.5 މީޓަރު ފުންމިނުގެ ބަނދަރެއް ޖެޓީއާއިއެކު ގާއިމުކުރެވިގެންދާނެކަމަށެވެ.

