ފަހަކަށް އައިސް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި އަމަންކަން ގެއްލޭ ގޮތަށް ބިދޭސީން ހަމަނުޖެހުން އުފައްދާ މައްސަލައިގައި ކުރިޔަށް ގެންދިއުމަށް ނިންމި އިންސްޕެކްޝަން ސިލްސިލާ ގޮތެއްގައި ކުރިޔަށް ގެންދާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފި އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހިފެހެއްޓުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެއާއި ކައިރި ބައެއް އަތޮޅުތަކުގައި ވެސް އިމިގްރޭޝަން ހަރަކާތްތެރިވި އެވެ.
ބިދޭސީން އާންމުކޮށް ކުރަމުންދާ ވިޔަފާރީގެ ތެރޭގައި ހިމެނޭ ކާބޯތަކެތި ތައްޔާރު ކުރުކޮށް ވިއްކާ މައްސަލަތައް ވެސް އިމިގްރޭޝަނުން ބަލާފައި ވެއެވެ. އަދި މިފަދަ ގިނަ ގޮޅިތައް ބަލައި ފާސްކުރުމަށް ފަހު، ބިދޭސީންތަކެއް އަތުލައިގަތެވެ.
އެންމެ ފަހުން އިމިގްރޭޝަނުން އޮޕަރޭޝަނެއް ފަށާފައި ވަނީ އާންމު ސަރަހައްދުތަކުގައި ބިދޭސީން ހަމަނުޖެހުން އުފައްދާ ސަރަހައްދުތަކުގަ އެވެ. މި މަސައްކަތް ފަށާފައި ވަނީ އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި އާންމު މަސްލަހަތު ގެއްލޭ ކަންތައްތައް ހިނގައި ތަކުރާރުވަމުންދާ ވަގުތެއްގަ އެވެ. އެގޮތުން އެ ސަރަހައްދުގައި މި ހަފްތާގައި މޮނީޓަރ ކުރަން ފަށާފައިވާއިރު އޭގެ ތެރޭގައި އާޓިފިޝަލް ބީޗާއި، ރަސްފަންނުގެ އިތުރުން ބައެއް ޕާކިން ޒޯން ސަރަހައްދުތައް ހިމެނެ އެވެ.
މި އޮޕަރޭޝަން އިމިގްރޭޝަނުން ކުރިޔަށް ގެންދިއުމަށް ނިންމާފައި ވަނީ ސިލްސިލާ ގޮތެއްގަ އެވެ. އަދި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އެއްވެސް މައްސަލައެއް ފާހަގަވެއްޖެ ނަމަ އެ ބަޔަކާއި މެދު ފިޔަވަޅު އަޅާނެކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިފަހައްޓައި، ފުރުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. އަދި 2025 ގައި އިމިގްރޭޝަންގެ އޮޕަރޭޝަންތައް ވަރުގަދަ ކުރުމާއި ގުޅޭގޮތުން އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު ވިދާޅުވީ މަސައްކަތް އެންމެ ފުރަތަމަ ފެށިގެން އައިއިރު މަޑުޖެހުމެއް އައީ ބޭނުންވާ ވަސީލަތްއް މަދުވުމުން ކަމަށެވެ.
މި މައްސަލައިގައި ދައުލަތުގެ މީޑިއާއި ވާހަކަ ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު ވިދާޅުވީ، ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް މިހާތަނަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އަދި އަންނަ އަހަރު މި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވިގެންދާނެކަމަށް ވިދާޅުވި އެވެ.
އެންމެ ބޮޑު އެއް ދައްޗެއްގެ ގޮތުގައި ޝަމްއާން ފާހަކުރެއްވީ، އިމިގްރޭޝަންގެ ޑިޓެކްޝަން ސެންޓަރުގައި އެކަށީގެންވާ މިންވަރަށް ޖާގައެއް ނެތުމެވެ. އެހެންވެ އެ މައްސަލައަށް ވެސް މި ފެށޭ އަހަރު ހައްލެއް ގެނެވޭނެކަމުގެ އުންމީދު ކުރެވޭކަމަށް ޝަމްއާން ވިދާޅުވި އެވެ.

