ދިރާގު މޯލްޑިވްސް ރޯޑް ރޭސް ފުރަތަމަ ފަހަރަށް ފުވައްމުލަކު ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން އިއުލާނުކޮށްފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ބާއްވާ މި ތާރީހީ ދުވުން، ’ދިރާގު ފުވައްމުލައް ރަން‘ ބާއްވަން ހަމަޖެހިފައިވަނީ 2 މެއި 2025 ގައެވެ.
މި އިވެންޓްގެ ސަބަބުން ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރުވެގެންދާނެކަމަށް ދެކޭކަމަށް ދިރާގުން ފާހަގަ ކުރެއެވެ.
މީގެ އިތުރުން، ދިރާގުން ފުވައްމުލަކުގައި މި ދުވުން ބޭއްވުމަކީ އެ ރަށަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއްކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އަދި މި އިވެންޓުގެ ސަބަބުން، ފުވައްމުލަކުގެ ރީތިކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ލިބި، މި ސިޓީއަކީ ދިވެހި އަދި ބައިނަލްއަގުވާމީ ދުވުންތެރިންނަށް އެކަށޭނެ މަންޒިލެއްގެ ގޮތުގައި ފާހަގަވެގެންދާނެ ކަމަށް އުންމީދުކުރެވޭކަމަށްވެސް އެ ކައުންސިލުން ފާހަގަ ކުރެއެވެ.
’ދިރާގު ފުވައްމުލައް ރަން‘ އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ހުޅުވާލުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

