ދިވެހިރާއްޖޭގެ ދިފާއީ ބާރުގެ (އެމްއެންޑީއެފް) ނޮދަން އޭރިއާ ކޮމާންޑުން އިސްނަގައިގެން ރ.މަޑުއްވަރީގައި ”މޫދު ކަސްރަތުން އުފާވެރިން“ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވިގޮތުގައި މި ޕްރޮގްރާމަކީ ޖަނަވަރީ 31 އިން ފެށިގެން 21 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި 50 އަންހެނުން ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކުރައްވާފައެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ދުޅަހެޔޮކަމާއި، ރައްޔިތުން ބާރުވެރިކުރުވުމާއި އިޖުތިމާއީ ފޭރާން ވަރުގަދަކުރުމެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮންނަ އިޙްތިރާމާއި ގާތްގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ފާހަގަކުރައްވާފައެވެ.
އެމްއެންޑީއެފްއިން މިފަދަ މޫދު ކަސްރަތުގެ ޕްރޮގްރާމްތައް ވަނީ ކުރިންވެސް ހިންގާފައެވެ. އެގޮތުން 2022 ވަނަ އަހަރު އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑުން އިސްނަގައިގެން ލ. ފޮނަދޫގައިވެސް ވަނީ މިފަދަ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ.
މި ޕްރޮގްރާމަކީ އެމްއެންޑީއެފްއިން ރައްޔިތުންނާ ގުޅިގެން ކުރިޔަށް ގެންދާ އިޖުތިމާއީ ޙަރަކާތްތަކުގެ ތެރެއިން އެއް ޙަރަކާތް ކަމަށްވާއިރު، މިފަދަ ޕްރޮގްރާމްތައް ކުރިޔަށް އޮތް ތަނުގައިވެސް އެކި ރަށްރަށުގައި ކުރިޔަށް ގެންދިޔުމަށް ވަނީ ރޭވިފައެވެ.

