2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުގެ އިދާރީ އަދި ހިންގުމުގެ ޚަރަދުތައް ފާހަގަކުރެވޭ މިންވަރަކަށް ދަށްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީން ހިއްސާކޮށްފައިވާ ހަފްތާގެ ތަފާސްހިސާބު ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ކުރެވިފައިވާ ޖުމުލަ ޚަރަދަކީ 846.4 މިލިއަން ރުފިޔާއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތުގައި ކުރެވުނު 1.3 ބިލިއަން ރުފިޔާގެ ޚަރަދާ އަޅާބަލާއިރު 32.7 އިންސައްތައިގެ ދަށްވުމެކެވެ.
ރިކަރަންޓް ޚަރަދުތަކަށް ބަލާއިރު، މިއަހަރު 843 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، ވޭތުވެދިޔަ އަހަރު މިބައިގައި 1.1 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ. ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، މިއަހަރު އެންމެ 3.4 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، ވޭތުވެދިޔަ އަހަރު 191.9 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ.
މުސާރަ، އިނާޔަތްތައް އަދި ޕެންޝަނަށް ކުރެވޭ ޚަރަދުތައް އިތުރުވެފައިވާއިރު، އިދާރީ އަދި ހިންގުމުގެ ޚަރަދުތައް ވަނީ ބޮޑުތަން ދަށްކުރެވިފައެވެ. މިގޮތުން، ވޭތުވެދިޔަ އަހަރު 1026.7 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، މިއަހަރު ޚަރަދުކުރެވިފައިވަނީ 690.3 މިލިއަން ރުފިޔާއެވެ.
އާމްދަނީއަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީ 23 ގެ ނިޔަލަށް ޖުމުލަ 1337.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، ވޭތުވެދިޔަ އަހަރުގެ މިމުއްދަތުގައި 1583.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓެކްސް އާމްދަނީގެ ގޮތުގައި 1058.4 މިލިއަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 275.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ގްރާންޓުގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެވެއެވެ.
މުސާރަ، އިނާޔަތްތައް އަދި ޕެންޝަނަށް ކުރެވުނު ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޕެންޝަނަށް ކުރެވުނު ޚަރަދުތަކެވެ. ޖުމުލަ 152.7 މިލިއަން ރުފިޔާގެ ތެރެއިން މުސާރައާއި އިނާޔަތްތަކަށް ޚަރަދުކުރެވިފައިވަނީ 0.8 މިލިއަން ރުފިޔާ އެވެ. ޕެންޝަނަށް 147.3 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، މުވައްޒަފުންގެ އެލަވަންސްތަކަށް 4.6 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ.

