އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު، ޔޫއެސްއެއިޑްގެ މަސައްކަތްތައް ހުއްޓުވާލުމަށް މަސައްކަތްކުރަމުންދާކަމަށް އެ ސަރުކާރުގެ ހާއްސަ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުންދާ މަޝްހޫރު ބިލިއަނަރު އީލަން މަސްކު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރިއަށް ގެންދިޔަ ލައިވްއެއްގައި މަސްކު ވިދާޅުވީ، އޭނާއާއި ޓްރަމްޕާ ދެމެދު ކުރިއަށް ގެންދިޔަ މުއާމަލާތެއްގައި ރައީސް ޓްރަމްޕު ވަނީ ޔޫއެސްއެއިޑް ހުއްޓުވާލަންޖެހޭކަމަށް އެއްބަސްވެވަޑައިގެންފައިކަމަށެވެ. މަސްކު ވިދާޅުވީ، ޔޫއެސްއެއިޑްގެ މަސައްކަތްތައް އޮތީ އިޔާދަނުކުރެވޭ ހިސާބެއްގައިކަމަށާއި އެހެންކަމުން ޓްރަމްޕު ސަރުކާރުން އެއްކޮށް ހުއްޓުވާލާނެކަމަށެވެ.
މި ނިންމުމާއި ގުޅިގެން، ޔޫއެސްއެއިޑްގައި މަސައްކަތްކުރާ ދެ ސެކިއުރިޓީ ޗީފުން ކަމަށްވާ ޖޯން ވޯރހީސް އަދި ބްރަޔަން މެކްގިލް ގޭގައި މަޑުކޮށްލުމަށް އަންގާފައިވާކަން ފާހަގަކުރެވެއެވެ. މި ފިޔަވަޅު އަޅާފައިވަނީ ސަރުކާރުގެ ފަރާތުން މަސްކުގެ ބެލުމުގެ ދަށުން ހިންގާ އިންސްޕެކްޝަން ޓީމުތަކަށް ބައެއް ސިއްރު މައުލޫމާތު ދިނުމަށް ދެކޮޅު ހެދުމުންކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެއިތުރުން، ވަކި ސަބަބެއް ބަޔާން ނުކޮށް ޔޫއެސްއެއިޑްގެ ވެބްސައިޓުވެސް އޮފްލައިންވެފައިވާކަން ފާހަގަކުރެވެއެވެ. މި މަސައްކަތްތައް ކުރަމުންދަނީ ސަރުކާރުގެ ހިންގުންތެރިކަން ހަރުދަނާކޮށް އިސްރާފު ކުޑަކުރުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިންކަމަށް ބުނެވެއެވެ.
މިފަހުން ނޫސްވެރިންނާއި ވާހަކަދެއްކެވި ފުރުސަތެއްގައި ރައީސް ޓްރަމްޕު ވަނީ ޔޫއެސްއެއިޑް ހިންގަމުންދާ ގޮތާއި ތަނުގެ އިސްވެރިންނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެތަން ހިންގަމުންދަނީ ހައްދުފަހަނަ އަޅާފައިވާ ބައެއްކަމަށާއި އޭނާގެ ސަރުކާރުން އެމީހުން ބޭރުކުރާނެކަމަށެވެ.
މި ހުރިހާ ކަމަކާއެކު، ޔޫއެސްއެއިޑްގެ މުސްތަޤުބަލާމެދު ސުވާލު އުފެދިފައިވާއިރު، މި ބަދަލުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކުރިއެރުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކަށް ކޮށްފާނެ އަސަރާމެދު ކަންބޮޑުވުން ފާޅުކުރެވެމުންދެއެވެ.

