4 ކެފޭއެއް ބަލާ ފާސްކޮށް، ސައްޙަ ވިސާއެއް ނެތި އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ 3 ބިދޭސީން ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދައި، ބަލައި ފާސްކުރުމުގެ މަސައްކަތް ޓާސްކް ފޯސްއިން ދަނީ ހުއްޓުމެއްނެތި ކުރިއަށް ގެންދަމުން ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން، އިއްޔެގެ ހަވީރު ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި މާލޭގައި ހިންގަމުންދާ 4 ކެފޭއެއް ވަނީ ބަލައި ފާސްކޮށްފައެވެ. އަދި ސައްޙަ ވިސާއެއް ނެތި އެ ތަންތަނުގައި މަސައްކަތްކުރަމުންދިޔަ 3 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ދާޚިލީ ވުޒާރާ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 5000އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައެވެ.

