އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް އައްޔަންކުރެއްވި އައު ސަފީރު، ނިކޮލަސް ޑޭވިޑް ލޯ، އެ މަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
ރަސްމިއްޔާތަށް ވަޑައިގަތުމުގައި، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅެއްގައި ރަސްމީ އިޙްތިރާމާއެކު ބެރާއި ދުންމާރިއާއި ތާޅަފިލީގެ އަޑުގައި، ޚާއްޞަ ލަޝްކަރީ ބަޔަކާއެކުގައެވެ.
އިނގިރޭސިވިލާތުގެ އައު ސަފީރު، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ހޫނު މަރުޙަބާއެއް ދަންނަވައި، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި އުފާފާޅުކުރައްވާފައެވެ.
މި ރަސްމިއްޔާތަށްފަހު ދެ ބޭފުޅުން ބޭއްވެވި ބައްދަލުވުމުގައި، އިނގިރޭސިވިލާތުގެ އައު ސަފީރު ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ދިގު މުއްދަތުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމު ގުޅިގެން އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް، ޚާއްޞަކޮށް މަތީ ތަޢުލީމާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެއިތުރުން، ދެ ބޭފުޅުންގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި، އެކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައިވެއެވެ.
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

