ކުރީގެ ފިރިމީހާ މަރާލި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ހ. ބައިކެނޑިގޭ، މަރިޔަމް ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމް އިއްވަން ތައްޔާރުވެއްޖެއެވެ.
މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ، މި މަހުގެ 13 ވަނަ ދުވަހުގެ 11:00 އަށެވެ.
2010 ވަނަ އަހަރުގެ ޖޫމް މަހުގައި ޝާހިދު މަރުވީ އޭނާގެ ބުރަކައްޓަށް ވަޅިއެއް ބޭނުންކޮށްގެން ނަޒާހާ ދިން ހަމަލާއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.
އެމައްސަލައިގައި ދައުލަތުން ނަޒާހާގެ މައްޗަށް މީހަކު ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާ އުފުލިއެވެ. އެ ދައުވާ ސާބިތުވެ ނަޒާހާ 25 އަހަރަށް ޖަލަށް ލުމަށް ދަށު ކޯޓުން ހުކުމް ކުރީ 2011 ވަނަ އަހަރުއެވެ.
ނަޒާހާގެ މައްޗަށް މަރުގެ ކުށް ސާބިތުވި ނަމަވެސް އޭނާގެ މައްޗަށް ދަށު ކޯޓުން މަރުގެ ހުކުމް އިއްވާފައި ނުވަނީ ޝާހިދުގެ ވާރިސުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން އެންމެން އެކަމަށް އިއުތިރާޒު ކުރުމުންނެވެ.
އެމީހުން ބުނެފައިވަނީ މަރަށް މަރުހިފުމާއި މަރުގެ ދިޔަ ވެސް ނަޒާހާގެ ފަރާތުން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ތައުޒީރީ އަދަބެއްގެ ގޮތުން އޭނާގެ މައްޗަށް އިއްވާފައިވަނީ 25 އަހަރުގެ ޖަލު ހުކުމުކެވެ.
ދަށު ކޯޓުން އިއްވި ހުކުމް ހައިކޯޓުން ދެމެހެއްޓިއިރު، އޭނާއަށް ލުޔެއް ލިބެން ޖެހޭނެ ކަަމަށް އެ ކޯޓުން ނިންމާފައި އޮތުމުން ކްލެމެންސީ ބޯޑަށް މައްސަލަ ހުށަހަޅައިގެން ލުޔެއް ހޯދުމަށް ވެސް ނަޒާހާ މަސައްކަތް ކުރި އެވެ. އެ ހުށަހެޅުމަށް ފަހު ބޯޑުން ނިންމީ، އަދަބުން ފަސް އަހަރު އުނި ކުރުމަށެވެ. ނަޒާހާ މިނިވަން ވާން އަދިވެސް ބާކީ 05 އަހަރު އެބަ އޮތެވެ.
ދަށު ކޯޓުގެ ހުކުމް ހައިކޯޓުން ދަމަހައްޓާފައި ވަނިކޮށް ނަޒާހާގެ ފަރާތުން މައްސަލަ އަނެއްކާވެސް އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުގައި އަޑުއެހުންތައް ފެށީ 2022 ވަނަ އަހަރުއެވެ.
ސުޕްރީމް ކޯޓުގައި މީޑިއާގެ ބޮޑު ސަމާލުކަމެއް ވެސް ލިބިގެން ދިޔަ މި މައްސަލައިގައި، ނަޒާހާ ބުނީ އިސްތިއުނާފަށް މައްސަލަ ހުށަހެޅީ ދަރިފުޅު އެކަމަށް ތައްޔާރުވެފައިވާކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. މީގެ 11 އަހަރު ކުރިން އެ ހާދިސާ ހިނގި އިރު އެ ދެ މީހުންގެ ފިރިހެން ދަރިފުޅަށް 02 އަހަރެވެ.
މައްސަލައިގެ އަޑުއެހުންތަކުގައި ނަޒާހާގެ ފަރާތުން ދިފާއުގައި ވަކީލު މަރިޔަމް ނިހާޔަތު ވިދާޅުވީ ނަޒާހާ ޝާހިދަށް ހަމަލާދިނީ ފެށުނީއްސުރެ ޝާހިދުގެ ފަރާތުން އޭނާއަށް ލިބެމުން ދިޔަ ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާތަކުގެ ސަބަބުން ކަމަށާއި އެއީ ގަސްދުގައި ޝާހިދު މަރާލުމަށް ދިން ހަމަލާއެއް ނޫން ކަމަށެވެ. ވަޅިއަކުން ޝާހިދަށް، އެ ހަމަލާ ދެވުނީ ބޭއިހްތިޔާރުގައިކަމަށް ވަކީލު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގައި މީޑިއާގެ ބޮޑު ސަމާލުކަމެއް ވެސް ލިބިފައިވާ މި މައްސަލައިގައި، ނަޒާހާ ބުނީ އިސްތިއުނާފަށް މައްސަލަ ހުށަހެޅީ ދަރިފުޅު އެކަމަށް ތައްޔާރުވެފައިވާކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. މީގެ 11 އަހަރު ކުރިން އެ ހާދިސާ ހިނގި އިރު އެ ދެ މީހުންގެ ފިރިހެން ދަރިފުޅަށް 02 އަހަރެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު، ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.

