އާންމު ސަރަހައްދުތަކަށް ކުނި ނޭޅުމަށް އެންވައިރޮމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އީޕީއޭއިން މިއަދު ނެރުނު އިއުލާނުގައި ބުނެފައި ވަނީ ކުރިޔަށް އޮތް ރޯދަމަަހަށް ތައްޔާރުވުމުގެ ގޮތުން، ގޭތެރޭގައި އާންމުކޮށް ބޭނުންކުރާ ސާމާނު ބަދުލުކޮށް، ޒީނަތްތެރިކުރުމުގައި ގިނަ އަދެއްގެ ކުނި އުފެދޭ ކަމަށެވެ. އެގޮތުން އުފެދޭ ކުނިތައް މަގުމައްޗާއި ދުވާރުމަތީ ބަހައްޓާ މައްސަލަ އިތުރުވެފައި ވާތީ އެކަން ފާހަގަކޮށް ބަޔާނުގައި ބުނެފައި ވަނީ ފަހަކަށް އައިސް ގޭބީސީތަކުންނާއި ފިހާރަތަކުން އުފެދޭ ކުނިތަށްވެސް މަގުމައްޗަށް ދޫކޮށްލާކަން ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
މިފަދައިން އަމަލުކުރާތީ އީޕީއޭއިން ވަނީ މަގުމައްޗަށާއި، ހުސްކޮށްހުންނަ އިމާރާތްތަކާއި އަދި އާންމު ސަރަހައްދުތަކަށް ކުނި ނޭޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ރޯދަމަހަށް ގެއާއި ގޯތިތެރެ ސާފުކުރުމުގެ ތެރޭގައި އުފެދޭ ކުނި ނައްތާލުމުގައި އެކަށީގެންވާ ކުނި އުކާލުުމުގެެ އިންތިޒާމެއް ހަމަޖައްސުމަށް އީޕީއޭއިން އިރުޝާދުދިނެވެ. އީޕީއޭ އެދިފައި ވަނީ ރަށްރަށުގައި ނަމަ ކުނި މެނޭޖްކުރާ ހިދުމަތްތަކަށް ދުރާލާ ގުޅައި، އިންތިޒާމުތައް ހަމަޖެއްސުމަށެވެ.
މީގެއިތުރުން އީޕީއޭ ވަނީ އާންމު ސަރަހައްދުތައް ސާފުތާހިރުކޮށް ބެހެއްޓުމަށް ވެސް އެދިފައެވެ.
ރޯދަމަހާ ދިމާކޮށް ކުނި ގިނަވުމުގެ މައްސަލައަކީ އާއްމުކަމެކެވެ. އަދި ވަކިން ހާއްސަކޮށް ރޯދަމަސް ތެރޭގައިވެސް ގިނަ އަދެދެއްގެ ކުނި އުފެދި ކޮންމެ އަހަރަކު ވެސް މަގުތަކުގައި ބަހައްޓާކަން ފާހަގަކުރެވެއެވެ.

