ކަނޑާއި އެއްގަމާއި ވައިގެ ގޮތުން ވެސް އަމިއްލަ ގައުމު އަމިއްލައަށް ދިފާއު ކުރެވޭނެ ވަރުގެ ގާބިލުކަން އުފެއްދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލު ދެމެހެއްޓުމުގައި އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ. އެގޮތުން ރައީސް މިއަދު ވެސް ދެއްވީ ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް އަބަދުވެސް ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެކަމުގެ ޔަގީންކަމެވެ.
ވެރިކަމާއި ހަވާލުވުމަށް ފަހު ގައުމާއި މުހާތަބު ކުރެއްވި ދެއްވި ބަޔާނުގައި ވެސް ރައްޔިތުންނަށްވި އެންމެ ބޮޑު ވައުދަކީ ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތް ކުރުންކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ގައުމުގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެކަމަކަށް ދޫދިނުމަކީ އެންމެ ބޮޑު އަޒުމްކަމުގައި ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެއީ އަމިއްލަ ނަފުސުގެ މައްޗަށް އެމަނިކުފާނު އަބަދުވެސް ލާޒިމު ކުރާ ދުވަހަކު ވެސް ފަރުވާކުޑަކޮށް ނުލާނެ ގައުމީ ވާޖިބު ކަމަށެވެ.
ރައީސް ވިދާޅުވީ އެ ސަބަބާއި ހުރެ ކަނޑާއި އެއްގަމާއި ވައިގެ ގޮތުން ވެސް އަމިއްލަ ގައުމު އަމިއްލައަށް ދިފާއު ކުރެވޭނެ ވަރުގެ ގާބިލުކަން އުފެއްދުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށެވެ. އެގޮތުން ރައީސް ފާހަގަކުރެއްވީ އެމްއެންޑީއެފް ކޯސްޓްގާޑު ދެގުނަކޮށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސް ވިދާޅުވި އެވެ. މިއާއި އެކު ކޯސްޓުގާޑަށް ބޭނުންވާ އުޅަނދުފަހަރުތައް ހޯދުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން މި މަސައްކަތުގެ ތެރެއިން ކޯސްޓުގާޑުގެ އިތުރު މަރުކަޒުތައް ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވެސް ހަލުވި ސްޕީޑުގައި ކުރިޔަށްދާއިރު ކޯސްޓުގާޑުގެ ސްޕެޝަލް އޮޕަރޭޝަންތަކަށް ސްޕެޝަލް ބޯޓް ސްކޮޑްރަން އުފައްދައި ހިދުމަތަށް ނެރެފައިވާކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ވައުގެ މަގުން ވެސް ގައުމު ދިފާއު ކުރެވެންޖެހޭކަމަށާއި، ޒަމާނީ އަސްކަރީ ގާބިލުކަން އިތުރުކުރުމަށްޓަކައި އެމްއެންޑީއެފް އެއާކޯރ ގާއިމު ކުރެވުނުކަމަށެވެ. އަދި ވިދާޅުވީ ޑްރޯން ބޭނުން ކުރަން ފެށުމާއި އެކު ގާނޫނާއި ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ ގިނަ އުޅަނދުތައް އޭގެ އެހީގައި މިހާތަނަށް ހޯދިފައިވާކަމަށް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް އެއާރ ސްޓޭޝަން ގާއިމު ކުރުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާކަމަށެވެ.
ވައިގެމަގުން ވެސް ޤައުމު ދިފާޢުކުރެވެން ޖެހޭ. އެ ގޮތުން ޒަމާނީ އަސްކަރީ ޤާބިލުކަން އިތުރު ކުރުމަށްޓަކާ އެމް.އެން.ޑީ.އެފް އެއަރ ކޯރ، 15 މާރިޗް 2024 ގައި އަޅުގަނޑު ވާނީ އުފައްދައިފާ. އެއާއެކު، އަންމޭންޑް އޭރިއަލް ވެހިކަލްތަކުގެ ޚިދުމަތް ފެށުމުން، ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރި ވަމުންދިޔަ ބޭރުގެ ގިނަ އުޅަނދުތަކެއް، އެ ވެހިކަލްތަކުގެ އެހީގައި، މިހާތަނަށް ވަނީ ހޯދިފަ. މީގެއިތުރަށް ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި، ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް އެއަރ ސްޓޭޝަން ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ވާނީ ފަށާފަ.
މި އަހަރު އެމްއެންޑީއެފްގެ މެރީން ކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ގިރިފުށީ ޓްރެއިނިން މަރުކަޒުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރެވޭނެކަމަށެވެ. އަދި މި ގެނެވޭ ކުރިއެރުންތަކުގެ ތެރޭގައި އިންސާނީ ގާބިލުކަމާއި ވަސީލަތުގެ މުއްސަނދިކަމާއި ނިޒާމީ ހަރުދަނާކަން ޒަމާނީ ފެންވަރުގައި ގެނެވޭނެކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސޓީ ވަރަށް ބޮޑަށް އިތުރުކުރަން ޖެހޭކަމަށެވެ. އަދި ފަޔަރ އެންޑް ރެސްކިއުއަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމުގެ މުހިންމު މަސައްކަތްތައް މި އަހަރުގެ ތެރޭގައި ކުރިޔަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

