ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭން ޝެލްޓަރސްތަކެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހުރިއްޔާ ޑރ މުުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
މިއަހަރަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ މިސަރުކާރުން ޤައުމު ތަރައްޤީކުރާނީ ހަމަ އެއްވެސް ބަޔަކު ބާކީ ނުކޮށްކަމަށެވެ.
އެ ކަމަށްޓަކައި، އަންހެނުންގެ ކުރިއެރުމާއި އެ ކަނބަލުން ބާރުވެރިކުރުވައި ފުރުޞަތުތައް ފަހިކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަން ދޭކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރުދިނުމަށްޓަކައި ލުއިލޯނު ދޫކުރުމަށް 2024 ވަނަ އަހަރު 100 މިލިއަން ރުފިޔާގެ ޚާއްޞަ ސްކީމެއް ވަނީ ތަޢާރަފުކުރެވިފައިކަން ރައީސް ފާހަގަކުރެއްވިއެވެ.
މިސްކީމްގެ ދަށުން ފުރަތަމަ ފިޔަވަހީގައި 60 ފަރާތަކަށް މިހާރު ވަނީ ލޯނު ދޫކުރެވިފައިކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، މި ޚާއްޞަ ލޯން ސްކީމްގެ 25 އިންސައްތަ ޚާއްޞަކުރެވިފައިވާނީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށްކަމަށެވެ.
މި ލޯނުސްކީމްގެ ދެވަނަ ފިޔަވަހި މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދެވޭނެކަމަށް އެެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑޮމެސްޓިކް ވައަލެންސް ޝެލްޓަރސްތަކެއް ޤާއިމުކުރުމަށް ވަނީ ޕްލޭން ކުރެވިފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އޭގެ ތެރެއިން ފުރަތަމަ ޝެލްޓަރގެ މަސައްކަތް އައްޑޫ ސިޓީގައި ފެށުމަށް މި ފެބްރުވަރީ މަސްތެރޭގައި އިޢުލާނުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

