މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައި އިލެކްޝަނަށް ކުރިމަތިލުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ހުޅުވާލައިފިއެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ މީޑިއާ ކައުންސިލްގެ އާންމު މެންބަރެއްގެ މަގާމު ހުސްވެފައިވާ ކަމަށެވެ.
ހަމައެއާއެކު، މީޑިއާތައް ތަމްޘީލްކުރާ މެންބަރެއްގެ މަގާމުވެސް 28 އެޕްރީލް 2025 ގައި ހުސްވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، އެ ދެމަގާމަށް ދެ މެންބަރުން އިންތިޚާބު ކުރުމަށްޓަކައި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނު ގެ 7 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލްގެ މެންބަރުންގެ ކިބާގައި ވަކި ޝަރުތުތަކެއް ހުންނަން ޖެހެއެވެ. އޭގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރިފައިވުމާއި، އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
މީގެ އިތުރުން، މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމުގެ އިތުރުން، ވޭތުވެދިޔަ 2 އަހަރު ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނިފައިވެއެވެ.
ހަމައެއާއެކު، ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި، މުޖްތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި، އަޚުލާގު ރަނގަނޅު މީހެއް ކަމުގައިވުންވެސް ޝަރުތުކޮށްފައިވެއެވެ. އަދި ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާ އެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭގޮތުން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުންވެސް ޝަރުތުކޮށްފައިވެއެވެ.
އެހެންކަމުން މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ވާދަކުރަން އެދޭ ފަރާތްތަކުން 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.
އާންމު މެންބަރުންގެ ގޮތުގައި ބަލަނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. އަދި ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 އަހަރެވެ. އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 ދައުރު އަދާ ނުކުރެވޭނެއެވެ.

