ރައްޔިތުންގެ މަޖިލީހުގެ ވަސީލަތްތައް ޑިޖިޓަލް ކުރުމަށް އިންޑީއާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޮކް ސަބާގެ ރައިސް ޝްރީ އޯމް ބިރާލްއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިވަގުތު ހުންނެވީ ރަސްމީ ދަތުރެއްގައި އިންޑިއާގައެވެ. މިއީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ކަމަށްވާ ލޮކްސަބާ ރައީސް ޝްރީ އޯމް ބިރްލާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ޓެކްނޮލޮޖީ ބޭނުންކުރުމާއި، ޑިޖިޓަލައިޒޭޝަން އަދި އޭއައިގެ ބޭނުންހިފައި ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަބްދުއްރަހީމް ތައުރީފް ކުރައްވާފައިވާކަމަށް ލޮކް ސަބާގެ ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ރާއްޖޭގެ މަޖިލީހުގެ ވަސީލަތްތައް ޑިޖިޓަލައިޒްކުރުމަށް އެހީތެރިވެދެއްވުމަށް އެދިފައިވާތީ، ކަމުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު އަބަދުވެސް އޮންނަގާތް ގުޅުން ފާހަގަކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު 2019 ވަނަ އަހަރު ހެދިފައިވާ އެމް.އޯ.ޔޫ.ގެ ދަށުން މަޖިލީހުގެ މުވައްޒަފުންނަށް ލޮކް ސަބާގެ ފަރާތުން ހިންގަމުން ގެންދާ ތަމްރީން ޕްރޮގްރާމްތަކާގުޅޭގޮތުން ވާހަކަ ދެއްކެވިއެވެ.
މިދަތުރުފުޅުގެ ސަބަބުން ދެ މަޖިލީހުގެ ދެމެދުގައި އޮތްގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ދެބޭފުޅުންގެ ވާހަކަގައިވެސް ފާހަގަކުރެއްވިއެވެ. ޢަބްދުއްރަޙީމް ވަނީ މި ބައްދަލުކުރެއްވުމުގައި ލޮކް ސަބާގެ ރައީސް އޯމް ބިރްލާ އަށް ދިވެހިރާއްޖެއަށް ޒިޔާރަތެއް ކުރެއްވުމަށް ދަޢުވަތުދެއްވާފައެވެ.

