މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު މާޖިދު (މެޒޯ މުޙައްމަދު) ނިޔާވުމާ ގުޅިގެން ރައީސް ޑރ މުޙައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެޒޯއަކީ ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައި، އަދި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައި ވެސް މަޤްބޫލު ހުނަރުވެރިކަަމެއް ދައްކަވާފައިވާ ފަރާތެއް ކަމަށެވެ.
އެހެންކަމުން މެޒޯ ނިޔާވުމުގެ ހިތާމައިގައި، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ރައްދުކުރައްވާކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އޭނާ ނިޔާވެފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.
އޭނާ ނިޔާވީ ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 59 އަހަރެވެ.
މެޒޯއަކީ ދިވެހިންގެ މެދުގައި މަޤްބޫލު ފަންނާނެކެވެ. އޭނާ ކިޔާފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި ”އުޑުން ތަރިތައް“، ”އެޅި މި ކަނޑުމަތި“، ”ޖިސްމު“، ”ވިސްނާ ވިސްނާ“ ފަދަ ގިނަ ލަވަތަކެއް ހިމެނެއެވެ.
މެޒޯއަކީ އަމިއްލަ ރާގުގެ ގިނަ ލަވަތަކެއްވެސް އުފައްދާފައިވާ މިއުޒިޝަނެކެވެ. އޭނާއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުޙައްމަދު މާޖިދުގެ ބައްޕައެވެ.

