މިއަންނަ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 6 ދުވަހުގެ ތެރޭގައި ޢުމްރާއަށް ވަޑައިގަންނަވާ އެންމެހާ ކަސްޓަމަރުންގެ ޑެބިޓް ކާޑަށް 1500 ޔޫއެސް ޑޮލަރުގެ ލިމިޓް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.
ރަމަޟާންމަހު ޢުމްރާއަށްދާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހޯއްދަވައިދެއްވުމަށް، މިހާރު އޮންނަ ޑޮލަރު ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައިދެއްވުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ކަމާގުޅުންހުރި އިދާރާތަކަށް އަންގަވާފައެވެ.
ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި މިހާރު އެ ބަދަލު މިވަނީ ގެނެސްފައެވެ. އެގޮތުން ކާޑަށް ދޫކުރާ މި ލިމިޓް ބޭނުންކުރެވޭނީ ހަމައެކަނި ސައުދީ އަރަބިއާގައެވެ. މި ލިމިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަސްޓަމަރަކަށްވެސް އެއް ޑެބިޓް ކާޑަށެވެ.
ޢުމްރާ ގްރޫޕްތަކާ ގުޅިގެން ދަތުރުކުރާ ޢުމްރާވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން ޢުމްރާ ގްރޫޕްތަކުން މިކަމުގައި އަމަލުކުރަންވީ ގޮތުގެ ތަފްސީލް ބޭންކުން މިހާރު ވަނީ ޢުމްރާ ގްރޫޕްތަކާ ހިއްސާކޮށްފައެވެ. އެހެންކަމުން ޢުމްރާ ގްރޫޕްތައް މެދުވެރިކޮށް ޢުމްރާއަށް ވަޑައިގަންނަވާ ބޭފުޅުން އެ ގްރޫޕަކާ ގުޅުއްވުމަށް އެ ބޭންކުން އެދިފައިވެއެވެ.
ޢުމްރާ ގްރޫޕެއްގައި ނުހިމެނި ވަކިން ދަތުރުކުރައްވާ ޢުމްރާވެރިން، ފުރުމުގެ 5 ދުވަސް ކުރިން (ބޭންކު ބަންދު ދުވަސްތައް ފިޔަވައި) ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީ އާއި ޓިކެޓް ކޮޕީ ފޮނުވުމުން ބޭންކުން ކާޑު ލިމިޓް ހަމަޖައްސައިދޭނެއެވެ.
މީގެ އިތުރުން، ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 ޔޫއެސް ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރުވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޔޫއެސް ޑޮލަރުގެ ލިމިޓް ލިބޭނެ ކަމަށާއި، އަދި ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ ޢުމްރާ ވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް 500 ޔޫއެސް ޑޮލަރު ބޭންކުން ވިއްކާނެކަމަށްވެސް ބޭންކުން ފާހަގަކޮށްފައިވެއެވެ.
ރައީސް ވިދާޅުވީ، މި ބަދަލަކީ 1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށްދާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން ގެންނަވާ ބަދަލެއް ކަމަށެވެ.
ޑޮލަރުގެ ތާށިކަމަށް ޙައްލު ގެނައުމަށް ސަރުކާރުން ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެކަންކަމުގެ މައްޗަށް ރައީސްގެ ރިޔާސީ ބަޔާނުގައިވެސް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން ރައީސް ވިދާޅުވީ، 2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވޭނެ ކަމަށެވެ. އަދި، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރީން މުދާ އިމްޕޯޓްކުރުމުގެ ގޮތުން، ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެކަންވެސް ރައީސް ފާހަގަ ކުރައްވާފައިވެއެވެ.

