ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ފްލެޓްތަކުގެ މައްސަލާގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ.
ހެކިވެރިޔާ ބުނީ، ރިއަލް އެސްޓޭޓް ފެއަރއަކުން މި އެޕާޓްމަންޓުތަކުގެ މައުލޫމާތު ލިބުނު ކަމަށާއި، އެ ފެއަރ ގެ ސްޓޯލްއިން އޭނާއާ ދިމާވީ މި މައްސަލައިގައި ދައުވާ އުފުލާފައިވާ މަމްދޫޙުއާ ކަމަށެވެ.
އެތަނުން މައުލޫމާތު ސާފުކުރުމަށް ފަހު އޭނާ ކޭޕާކްގެ އެޕާޓްމަންޓެއް ގަނެފައިވާނެކަމަށް އެ ހެކިވެރިޔާ ކިޔާދިނެވެ.
އެޕާޓްމަންޓު ގަތުމާއި އެގްރީމަންޓު ކުރުމުގެ މުއާމަލާތުގެ ތެރެއިން މި މައްސަލައިގައި ދައުވާ އުފުލާފައިވާ މަމްދޫޙު އަދި ޖައިޝާންއާވެސް ބައްދަލުވެފައިވާކަމަށް އެ ހެކިވެރިޔާ ކިޔާދިނެވެ. އެގޮތުން ޗެކް ދޫކޮށްފައިވާނީ އެ ފަރާތްތަކުން ދިން އެކައުންޓަކަށްކަމަށް އޭނާ ކިޔާދިނެވެ.
އެހެންނަމަވެސް މިހާތަނަށްވެސް އެޕާޓްމަންޓް އަދި އެ އެޕާޓްމަންޓަށް ދެއްކި ފައިސާ ލިބިފައިނުވާ ކަމަށާއި، ފަހުން އެ އެޕާޓްމަންޓު އެހެން ބަޔަކަށްވެސް ވިއްކާފައިވާކަމުގެ މައުލޫމާތު ލިބުނުކަމަށް އެ ހެކިވެރިޔާ ކިޔާދިނެވެ.
މީގެ އިތުރުންވެސް އެޕާޓްމަންޓް ގަތް އިތުރު މީހުން ވަނީ މި އަޑުއެހުމުގައި ހެކިބަސް ދީފައެވެ. އޭގެ ތެރޭގައި އެޕާޓްމަންޓުތަކަށް އެއްކޮށް ފައިސާ ދައްކާފައިވާ މީހުންނާއި ވަކި ވަރަކަށް ފައިސާ ދައްކާފައިވާ މީހުންވެސް ހިމެނެއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމްއެވެ.
މި މައްސަލައިގައި ކޯޓުގައި އުފުލާފައިވާ ދައުވާތަކުގައި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި، ޓެކުމާއި، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން، މަނީ ލޯންޑްރިންގއާއި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާތަކެއް ހިމެނެއެވެ.

