ރަމަޟާން މަހަށް ހާއްސަކޮށްގެން ސަރުކާރުންދޭ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ފަށައިފިއެވެ.
ރަމަޟާން މަހަށް ހާއްސަކޮށްގެން ހަދިޔާއެއްގެ ގޮތުގައި ސަރުކާރުގެ ފަރާތުން މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެސްޓީއޯ މެދުވެރިކޮށެވެ.
އެންމެ ފުރަތަމަ ތާވަލުކުރީ ފެބްރުއަރީ 20 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނަމަވެސް ފަހުން ވަގުތަށް ބަދަލުތަކެއް ގެނެސް ރޭގަނޑު 20:30 ގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމީއެވެ.
ސަރުކާރުގެ މި ނިންމުމާއިއެކު ގިނަ ބަޔަކުވަނީ މަސްދަޅު ބެހުމަށްޓަކައި ކަނޑައެޅި ސަރަހައްދުތަކުގައި ކިއު ހަދާފައެވެ. ކޮންމެ ގެއަކަށްވެސް ދޫކުރުމަށް ކަނޑައެޅިފައިވަނީ 48 ދަޅު ހިމެނޭ އެއް ކޭހެވެ. އަދި ކޭސްތައް ދޫކުރުމަށް ނިންމާފައި ވަނީ ކަރަންޓު މީޓަރުގެ ނަންބަރަށް ބަލައިގެންނެވެ. ކޭސް ހޯދުމަށް ވަޑައިގަންނަވާއިރު އައިޑީކާޑުގެ ހިފައިގެން ދިއުން ލާޒިމުކޮށްފައިވާއިރު މީޓަރު ނަންބަރު ދޭންޖެހޭނެއެވެ.
އެންމެ ބޮޑު ކިއުއެއް ހަދާފައިވާ ސަރަހައްދުތަކުގެ ތެރޭގައި މާލޭގެ މިފްކޯ މަސްފިހާރަ ސަރަހައްދު އަދި ހުޅުމާލޭގައި ހުންނަ ”އުމަރު ޒާހިރު“ އިމާރާތް ހިމެނެއެވެ.
ކޭސްތައް ބެހުމަށް 5 ސަރަހައްދެއް ކަނޑައަޅާފައިވެއެވެ. އެގޮތުން އިސްވެ ބަޔާންކުރި 2 ސަރަހައްދުގެ އިތުރުން އެމްޓީސީސީ ސޯމިލް، ވިލިމާލޭގައި ހުންނަ ވެމްކޯ ސައިޓްގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރު 10ގެ ޔޫތު ސެންޓަރުގައިވެސް މި މަސައްކަތްތައް ކުރިއަށްދާނެއެވެ.
ބުރާސްފަތި ދުވަހުގެ 20:30 އިން 23:00 މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްފަހު ދެން ކުރިއަށް ގެންދާނީ ފެބްރުއަރީ 22 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 16:00 އަށާއި ރޭގަނޑު 20:30 އިން 23:00 އަށެވެ. މިއަށްފަހު އާދިއްތަ އިން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް މެންދުރު ފަހު 14:30 އިން 18:00 އަދި ރޭގަނޑު 20:30 އިން 23:00 އަށް ކުރިއަށް ގެންދާނެއެވެ.

