ރަޝިއާގެ މުސްލިމް ޖަމާއަތުގެ ލީޑަރު ތަލްގަތް ތަޒްހުއްދީންއަށް އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިން ޝުކުރު އަދާކުރައްވައިފިއެވެ.
ރަޝިއާގެ ދައުލަތުގެ މީޑިއާއާ ޙަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޕުޓިން ތަންގަތުއަށް ޝުކުރު އަދާކުރައްވާފައިވަނީ ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ބައްދަލުވުމެއްގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ޕުޓިން ވަނީ އެ ޤައުމުގައި ދީނީ ގޮތުން ހަމަޖެހުމާއި އަމާންކަން ޤާއިމުކޮށްދެއްވުމަށް މުސްލިމު ލީޑަރުގެ ޙައިސިއްޔަތުން ތަލްގަތު އަދި އެ ޤައުމުގެ އެހެނިހެން މުސްލިމު ލީޑަރުންވެސް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާފައެވެ.
ރަޝިއާއަކީ ދީނާއި ސިޔާސަތު ވަކިވެފައިވާ ސެކިއުލަރ ޤައުމެއްނަމަވެސް، އެ ޤައުމުން މުޖުތަމައުގެ ކަންކަމުގައި ދީނީ ބައިވެރިވުންތައް އަދާކުރާ މުހިއްމު ރޯލަށް ފުރުސަތުދެއެވެ.
ރަޝިއާގައި ގިނައީ ކްރިސްޓިއަން ދީނުގެ މީހުންނެވެ. ދެވަނައަށް އެ ޤައުމުގައި އެންމެ ގިނައީ މުސްލިމުންނެވެ.
ޕުޓިންއަކީ އެ ގައުމުގެ ސިޔާސީ މައިދާނުގެ ފުރިހަމަ ބާރުވެރިކަން ހާސިލުކޮށް ފާއިތުވި ވިހި އަހަރު ދުވަހު އެ ބާރުވެރިކަން ދަމަހައްޓަވާފައިވާ މީހެކެވެ.

