އަތް ބާނަން ޖެހިއްޖެ ކޮންމެ ތަނަކަށްވެސް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އަތްބާނާނެކަން ސާފުކޮށް ފެނިގެންދާކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ޝަރުއީ ނިޒާމަށް ގެނައުމަށް މަސައްކަތްކުރާ ބަދަލުތަކަކީ ފެށުމުގައިވެސް ބާތިލު ކަމެއް ކަމަށާއި، އެކަމުގައި އެއްވެސް ކާމިޔާބީއެއް ނޯންނާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުގެ އަގުވެއްޓި ފަޟީޙަތްވެގެންދިއުން ނޫން އެހެން ކަމެއް ނުވާނެކަމަށް ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ދުނިޔޭގެ ޤައުމުތަކުގެ ކުރިމަތީގައިވެސް ބޭޒާރުވެ ފަޟީޙަތްވަމުންދާ ކަމަށާއި، ”ރައްޔިތުން ނުކުމެ މި ސަރުކާރު ބަލިކުރާނެކަމަކީ މެންދުރުގެ އިރުފަދައިން އެނގޭކަމެއް“ ކަމުގައި ވިދާޅުވިއެވެ.
ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، އެ ބިލަކީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކުރުމަށް ހުށަހެޅި ބިލެއްކަމަށް ބުނިނަމަވެސް، ޕީއެންސީގެ މެންބަރުން ބަހުސްގެ ތެރޭގައި ދެއްކެވި ވާހަކަތަކުން ބިލުގެ މަޤްޞަދު ތަފާތުކަން ސާފުވެގެންދިޔަ ކަމަށެވެ.
އެމްޑީޕީގެ ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ ދޮގުހެދުމާއި އޮޅުވާލުމުގެ ސަރުކާރެއްކަމަށްވުމުން އެފަދަ އަމަލުތަކުގެ ތެރެއިން ނޫނީ އެއްވެސް ކަމެއް ކުރަން ނޭނގޭކަމަށާއި، ބިލު ހުށަހެޅިއިރު ދެއްކި ވާހަކަތަކާއި ބަހުސްގެ ތެރޭގައި ދެއްކި ވާހަކަތައް އަދި ކުރަން އުޅޭ މަސައްކަތްތަކާ އެއްގޮތަކަށްވެސް ދިމާނުވާކަމަށް ވިދާޅުވިއެވެ.

