އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ”އެސެޓް ރިކަވަރީ ނަމޫނާ ގާނޫނު“ އިފްތިތާހުކޮށްފިއެވެ. މި ގާނޫނަކީ ކުށްކުށުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާއާއި މުދާ އަނބުރާ ހޯދުމަށް މަގުފަހިކޮށްދޭނެ ގާނޫނީ އޮނިގަނޑެކެވެ.
މި ގާނޫނު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް، މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޟާ އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ.
އޭސީސީން ހާމަކުރި ގޮތުގައި މި ގާނޫނުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ކުށްކުށާ ގުޅުންހުރި ފައިސާއާއި މުދާ ދައުލަތަށް ނެގުމުގެ ގާނޫނީ އުސޫލުތައް ކަނޑައެޅުމާއި، އެފަދަ މުދާ އެހެން ފަރާތްތަކަށް ބަދަލުކުރުން ހުއްޓުވުން ހިމެނެއެވެ. މީގެއިތުރުން، ރާއްޖެއިން ބޭރުގައިވާ ކުށްކުށާ ގުޅޭ މުދަލާއި ފައިސާ ހޯދުމުގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމުގެ އުސޫލުތައްވެސް މި ގާނޫނުގައި ހިމެނިފައިވެއެވެ.
މި ގާނޫނުގެ ފުރަތަމަ ޑްރާފްޓް އެކުލަވާލާފައިވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއެކު ވެފައިވާ ފަހުމުނާމާއެއްގެ ދަށުންނެވެ. އަދި މި މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު، ކަމާގުޅޭ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވުނު ބައްދަލުވުންތަކަކާ ގުޅިގެންނެވެ.
މި ގާނޫނަކީ ދައުލަތަށް ގެއްލިފައިވާ ފައިސާއާއި މުދާ އަނބުރާ ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭސީސީން ފާހަގަކޮށްފައިވެއެވެ.

