ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ނެގުނު އިތުބާރު ނެތްކަމުގެ ވޯޓުގައި ޕީއެންސީގެ މެމްބަރުންތަކެއް ބައިވެރިނުވާ ކަމަށް ދެކެވެމުންދާ ވާހަކަތައް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ދޮގުކުރައްވައިފިއެވެ.
އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި މެމްބަރުންތަކެއް ވިޕްލައިނާ ހިލާފުވެފައިވާ ކަމަށް ބުނެ މަޢުލޫމާތު ފަތުރަމުންދިއުމާ ގުޅިގެން، 11 މެމްބަރަކު ވޯޓުގައި ބައިވެރިނުވާ ކަމަށް ބުނެ ދެކެވެމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ދެއްވި މަޢުލޫމާތުގައި، 11 މެމްބަރުންގެ ތެރެއިން 9 މެމްބަރުން މިވަގުތު ތިއްބެވީ ޕާޓީގެ މަސައްކަތްތަކުގައި ދަތުރުމަތީގައި ކަމަށް ވިދާޅުވިއެވެ. އަދި މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 2 މެމްބަރަކު ވޯޓުގައި ބައިވެރިވެވަޑައިނުގަތް ސަބަބު ބެއްލެވުމުގެ މަސައްކަތް ޕީޖީ ލީޑަރޝިޕުން ކުރައްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އެމްޑީޕީން ވަނީ، ޕީއެންސީގެ ޕީޖީ ގްރޫޕުގެ މެމްބަރުންތަކެއްގެ މައްޗަށް ފިޔަވަޅު އެޅުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކޮށް، އެ ޕާޓީން މެމްބަރުންތަކެއް ވަކިކޮށްފި ހާލަތެއްގައި އަލުން އިންތިހާބުކުރުމުގައި އެމްޑީޕީން އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.

