ނެތް މައްސަލައެއް އުފައްދައިގެން ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައި ވަނީ ބިރު ދެއްކުމުގެ އަމަލެއްގެ ގޮތުންކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ތުހުމަތު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް އަލީ ހުސެއިންގެ ފަރާތުން ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. މި މައްސަލައިގެ އަޑުއެހުންތައް ނިމި، ގޮތެއް ނިންމުމާއި ގާތްވެފައި ބަނިކޮށް ސުޕްރީމް ކޯޓުގެ ބެންޗު 5 ފަނޑިޔާރުންނަށް މަދު ކުރުމަށް ހުށަހަޅައި ދެ ފަނޑިޔާރުން ވަކި ކުރުމަށް ފާސްކުރި އެވެ.
ބިލު ފާސްކުރިތާ މާ ގިނައިރުތަކެއް ނުވެ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ފެންމަތިކޮށް ޖޭއެސްސީން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު ހުސްނުއް ސުއޫދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅުވައި ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމާއި އެކު ފުލް ބެންޗުން ބަލަމުން ދާ ގޮނޑީގެއް މައްސަލައިގެ އިސްލާހުގެ ގޮތެއް ނިންމުން ކެންސަލް ކުރިއެވެ.
މައްސަލައިގައި މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އަލީ ހުސެއިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް އޭސީސީ ކުއްލިއަކަށް ތަހުގީގު ކުރަން ފެށުމުން ސުވާލު އުފެދޭކަމަށެވެ. އަދި މީގެ ކުރިން މި މައްސަލައިގެ ވާހަކަ ދެކެވިފައި ނުވަނީ ކީއްވެތޯ ސުވާލު އުފެއްދެވިއެވެ.
އަލީ ހުސެއިން ވިދާޅުވީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިއަދު ހިނގި ހުރިހާ ކަމަކުން ވެސް ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ މިންވަރު ސާފުވާކަމަށެވެ. އަދި އޮންނަ އުސޫލާއި އިޖުރާއަތުގެ ތެރެއިން ހުކުމް އިއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ގަޑިއަށް ޖޭއެސްސީން ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމަކީ އޭސީސީ ގެ ވެސް ބައިވެރިވުމެއް އޮވެ ހިނގިކަމެއްކަން ސާފުވާކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
މީގެއިތުރުން އަލީ ހުސެއިން ވިދާޅުވީ ސަރުކާރުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ގާނޫނާއި ހިލާފު އެތައް ކަމެއް ހިނގަމުންދާކަމަށެވެ. އަދި އެތައް އިސްލާހެއް ގެނެސްފައި ވަނީ ހިތު ހުރި ގޮތަކަށް އެއްވެސް އުސޫލެއް ނެތިކަމަށް ވިދާޅުވި އެވެ.

