ރަމަޟާން މަހުގައި މުދާ ކިލިއަރެންސްގެ ކަންތައްތައް އަވަސް ދުވެލީގައި ކުރިޔަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓްޑް (އެމްޕީއެލް) އިން ހާއްސަ ޓާސްކްފޯހެއް އެކުލަވާލައިފިއެވެ.
ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގުރާމުގައި، ސެކްޝަން މެނޭޖަރ، ކްލިއަރެންސް ޑިޕާރޓްމެންޓް އިސްމާއިލް ސައީދް އަދި ޔުނިޓް ހެޑް އަލީ ޝަމޫން ވިދާޅުވީ ރޯދަމަހަކީ މަގުމަތި ބާރުބޮޑު މައްސަރަކަށް ވުމާއި އެކީގެ، އެ މައްސަަރުގައި އެތެރެ ކުރެވޭ ހައިލީ ޕެރިޝަބަލް ނުވަތަ އަވަހަށް ކުނިވާ ޒާތުގެ މުދާ ބާރު ދުވެލީގައި ކްލިއާކުރުމަށްޓަކައި ހާއްސަ ޓާސްފޯހެއް ކަނޑައަޅައި، އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްގެ ތައްޔާރީތަށް ދަނީ ކުރިޔަށް ކަށެވެ. އެގޮތުން، މުދަލުގެ ވެރިފަރާތަށް ވީހާވެސް އަވަހަށް މުދާ ހަވާލުކުރެއްވުމަށްޓަކައި އެމްޕީއެލްގެ ސްޓޭކްހޯލްޑަރުންގެ ތެރޭގައި ހިމެނޭ ކަސްޓަމްސް ސާވިސް، ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި މުދާ އެތެރެކުރާ ކަސްޓަމަރުންނާއި ބައްދަލުކޮށް، ރޯދަމަހުގައި މުދާ ބޭރުކޮށް ހެދުމުގައި ލަސްކަމެއް ނެތި ކުރިޔަށް ގެންދެވޭނެ އިންތިޒާމަކާ މެދު މަޝްވަރާތަކެއް ކުރެވެނު ކަމަށާއި އެކަން ދުރާލާ ރޭވުނު ކަމަށެވެ.
އެމްޕީއެލްއިން އަވަހަށް ކުނިވާ ޒާތުގެ ކާބޯތަކެތި އަވަހަށް ކްލިއާކުރުމަށްޓަކައި އެމްޕީއެލްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މުދާ ރައްކާ ކުރުމަށްޓަކައި ރޯދަމަހަށް ހާއްސަކޮށް ގުދަންތަކުގެ ޖާގަ އިތުރުކޮށް، ބޯޓުން މުދާ ބޭލުމުގައި ލަސްނުކޮށް ބޭލޭނެ އިންތިޒާމެއް ހަމެޖެހުމާއި އަދި އެމެޖެންސީ ހާލަތެއްގައި ހުސް ކޮންޓެއިނަރުތައް ބޭނުންކުރެވޭނެ ގޮތްތައް ހަމަޖެއްސުން ހިމެނޭކަމަށް އިސްމާއިލް ސައީދު ވިދާޅުވިއެވެ.
ހަމައެއާއިއެކު، މުދާ ބޭރުކުރުމުގައި ތޮއްޖެހުން މަދުކުރުމަށްޓަކައި ކަމާ ގުޅުން ހުރި އިދާރާތްތަކާ ގުޅިގެން މަސައްކަތް ކުރިޔަށް ގެންދާނެކަމަށާއި ވަކިން ހާއްސަކޮށް ޓްރާންސްޕޯޓް މިނިސްޓްރީއިން ރޯދަމަހަށް ހާއްސަކޮށްގެން މަގުމަތި ތޮއްޖެހުން މަދު ކުރުމަށްޓަކައި މުދާ އުފަލާ އުޅަންދުތައް ދުއްވުމަށް ހުއްދަ ލިބޭ ވަގުތުތަކާއި އެކުގަވެސް ބާރު ދުވެލީގައި މުދާ ކްލިއާ ކުރެއްވުމަށްޓަކައި މަސައްކަތްކުރާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
މި މަސައްކަތުގެ ތެރެއިން މާލޭގައި އެމްޕީއެލްގެ ވެއާހައުސްގައި އަވަހަށް ކުނިވާ ޒާތުގެ ތަކެތި ގިނަ ކުރުމަށްޓަކައި ހުޅުމާލޭގައި ބަންޑަހަޖަހައި އާއްމު ކާގޯ ބަދަލުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ޝަމޫން ވިދާޅުވިއެވެ.
ރޯދަމަހުގައި އެމްޕީއެލްއިން މުދާ ދޫ ކުރާ ވަގުތުތަކަށް ބަދަލުއައުމާއި ގުޅިގެން ޝަމޫން ވިދާޅުވީ، ހެންދުނު މުދާ ދޫކުރަން ހަމަޖެހިފައިވާ މުއްދަތަކީ 9 ފެށިގެން މެންދުރު 1 ޖަހާއިރަށް ކަމަށެވެ. ހަމަމިފަދައިން ރޭގަނޑުގައިވެސް މުދާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9 ފެށިގެން ދަންވަރު 1 ޖަހާއިރާ ހަމަޔަށް ކަމަށް ޝަމޫން ދިވާޅުވިއެވެ.

