މި ދައުރުގައި ފެނިގެންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު ފެނިގެންދިޔަފަދަ އަމަލުތަކެއް ކަމަށާއި ހަމައެކަނި ތަފާތަކީ ސުޕްރީމްކޯޓުގެ ފުރާޅުން ޓިނުގަނޑުތަކެއް ނަގާފައިނުވުންކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ މަސައްކަތްތައް ކުރެވިފައިވާ ގޮތަށް އަލިއަޅުއްވާފައެވެ. ޝާހިދު ވިދާޅުވީ، ޝަރުތު ހަމަނުވާ ބައެއް މީހުން މާލޭގައި އުޅެފައިވާކަން ސާބިތުކޮށްދިނުމަށް އެދިފައިވާކަމަށެވެ. ޝާހިދު ވިދާޅުވީ، ސާބިތުކޮށްދެވޭ މިންވަރަށް ސަރުކާރުގެ ލިޔުންތައް ހުރިކަމަށާއި އެތައް ސިޔާސީ ތުހުމަތެއްގައި އެކި ފުރުސަތުތަކުގެމަތިން ޖަލުގައި ބާއްވާފައިވާ މީހުންގެ ގާތުގައި މާލޭގައި ހުރިކަން ޔަގީންވާން ނެތްކަމަށް ބުނެފައިވާކަމަށެވެ.
ފްލެޓު ލިސްޓު އާންމުކުރުމުގެ ތެރެއިން ސަރުކާރުން އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާކަމަށް ސިފަކުރައްވާ ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ލިސްޓު ނެރުނީ ރޯދަމަހަށް އެއްދުވަހަށްވުމުންކަމަށެވެ. ނަމަވެސް އެކަންކުރީ 3000 ވަރަކަށް މީހުންގެ ނަން އުނިކުރުމަށްފަހުކަމަށާއި ރޯދަމަހަކީ އުފާވެރި ދުވަސްވަރެއްކަމަށްވާއިރު މި ދުވަސްވަރަށް ރައްޔިތުންނަށް މަރުހަބާ ކިޔުމުގެ ބަދަލުގައި ސަރުކާރުންވަނީ އަނިޔާވެރިވެފައިކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު އެ އާއިލާތަކުގެ ހިތުގައި ޖަހާނީ ހިތްދަތިކަމުގެ ވިންދުކަމަށާއި ރާއްޖޭގައި މިހާރު ގާނޫނީ ސަރުކާރެއް ނެތްކަމަށެވެ. އަދި އެ ހައިސިއްޔަތު ގެއްލިގޮސްފައިވާކަމަށާއި ސަރުކާރުންވަނީ ރާއްޖޭގެ ގާނޫނުއަސާސީއާއި ކުޅެ ކޯޓުތަކަށް އަތްބާނާފައިކަމަށްވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރުންވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކަރުގައި ވާޖެހުމަށްފަހު އެއީ އެންމެ މީހަކު ކޮންޓްރޯލްކުރާ ތަނަކަށް ހަދާފައިކަމަށެވެ.
ޝާހިދު ވިދާޅުވީ، ރައްޔިތުން ގާނޫނުއަސާސީ ބަލައިގަނެފައިވަނީ އޭގެން ލިބިދޭ އުންމީދުތަކެއް ހާސިލުކުރުމަށްޓަކައިކަމަށާއި ނަމަވެސް ޕީޕީއެމް ޕީއެންސީއަށް ވެރިކަން ލިބިގެންދާ ކޮންމެ ފަހަރަކުވެސް ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމަށް މަސައްކަތްތަކެއް ކުރާކަމަށެވެ. އޭނާ ވިދާޅުވީ، އެކަމެއް ނުވާނެކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައިވެސް މިހާރު ޖަހަމުންދާފަދަ ސަކަރާތްތަކެއް ޖެހިކަމަށެވެ. ޝާހިދު ވިދާޅުވީ، ހަމައެކަނި ތަފާތަކީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނުނަގާކަންކަމަށެވެ. ނަމަވެސް މި ސަރުކާރުންވަނީ އެތެރޭގައި ތިބި މީހުން ނަގައިގެން ގެންގޮސްފައިކަމަށް ވިދާޅުވިއެވެ.

