”އޮޅު ހިޔާ“ ފެސިލިޓީއާއި ހަވާލުވީތާ 16 ގަޑިއިރުތެރޭގައި ފެސިލިޓީއަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް ބުޅާތައް އެތަނަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ”އޮޅު ހިޔާ“ ފެސިލިޓީއާ ހަވާލުވެވުނުތާ އެންމެ 16 ގަޑިއިރުގެ ތެރޭގައި، މިނިސްޓްރީގެ ޓީމުން އައު ކަރަންޓީނު ސަރަޙައްދަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް އެންމެހާ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނެފައިވަނީ މިހާތަނަށް 15 ބުޅާ އެތަނަށް ގެންގޮސްފައިވާ ކަމަށެވެ. މިނިސްޓްރީން ބުނެފައިވަނީ މިކަން ހާސިލް ކުރެވުނީ މިނިސްޓްރީގެ ޓާސްކް ފޯސުން ހުއްޓުމެއްނެތި ކޮށްފައިވާ މަސައްކަތާއި، ހިތްވަރާއިއެކު އެއްބާރުލުން ދެއްވި އެން.ޖީ.އޯތަކުގެ މިންނެތް މަސައްކަތުގެ ސަބަބުން ކަމަށެވެ.
”އޮޅު ހިޔާ“ އަކީ މި ސަރުކާރުގެ އިސްނެންގެވުމުގެމަތީން މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފެސިލިޓީއެކެވެ. އަދި މި މަޝްރޫއުގެ މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓް ކެއާގެ ހަރުދަނާ ގަވާއިދުތަކަކާއި އުސޫލުތަކެއް ތަންފީޒުކުރުން ހިމެނެއެވެ.
މި މަޝްރޫއުއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން ހިންގެވުމަށް މަސައްކަތްޕުޅު ކުރެއްވި މަޝްރޫއެކެވެ.

