ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ 2025 މާރިޗް 04 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރުއެވެ.
އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ޗެކްކުރުމުގެ ތެރޭގައެވެ.
އެގޮތުން ބަލާފާސްކުރެވުނު ޕެކޭޖްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 1.070 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 856,000 (އަށް ލައްކަ ފަންސާސް ހަ ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި އަދި މި ޕެކޭޖް ބަލާ ކަސްޓަމްސްއަށް އައި، 52 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައިކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

