ދިވެހި ޤައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ، ޤައުމީ ފެންވަރުގައި މިއަދު ފާހަގަކުރާ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.
ރައީސް ވިދާޅުވީ، މިއަދަކީ ދިވެހިރާއްޖޭގެ ޤައުމީ ތާރީޚުގައި ޚާއްޞަ ދުވަހެއް ކަމަށާއި، ސަބަބަކީ މިއީ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރެވޭތީ ކަމަށެވެ. އަދި މި ދުވަސް ޚާއްސަވާ އަނެއް ސަބަބަކީ ދިވެހި ޤައުމިއްޔަތަކީ ދިވެހީން މި ރާއްޖޭގައި ދެމި ތިބުމުގެ މައިގަނޑު އަސްލުކަމުގައިވާތީކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޤައުމިއްޔަތަކީ ބަޔަކު ތަނެއްގައި ދިރިއުޅޭން ފެށުމުން އެބައެއްގެ ދަރިކޮޅު އިތުރުވެ ފެތުރިގެންދާ ދިޔުމުގައި، އެ ބަޔަކު އެ ތަނެއްގައި ކުރާ ތަޖުރިބާތަކެއް ކަމަށާއި، އަދި އެ ތަޖުރިބާތަކުގެ ތެރެއިން އެ ބަޔަކު އެ ތަނެއްގައި މާދަމާއަށް ދެމި ތިބޭން ކުރާ ފިކުރެއް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއަކީ މި ރާއްޖޭގައި ބަޔަކު ވަޒަންވެރިވި ތާރީޚެއް، ދުވަސްވަރެއް އެނގެން ނެތް، ރާއްޖެއެއް ކަމަށާއި، މި ކަމުން އެނގެނީ ދިވެހީންގެ ދޮށިކަމާއި ދިވެހީންގެ އަސްލުވެހިކަން ކަމަށެވެ.
ދިވެހި ދައުލަތުގެ އެވޭލާކަމާއެކު ހައިބަތާއި ހަރުދަނާކަމެވެ. ދިވެހި ކަނޑު ހުރަސްކުރި ކޮންމެ ބަޔަކު ދެކެފައިވަނީ ދިވެހީން މި ރަށްތަކުގައި ދިރިއުޅެނިކޮށެވެ. މި ފަސްގަނޑު ހުހަށް އޮތް ޒަމާނެއް ތާރީޚުން ފެންނާކަށް ނެތެވެ. އެހެންކަމުން، ދިވެހި ޤައުމިއްޔަތަކީ އެތައް ހާސް އަހަރެއްވީ ދިވެހީންގެ އެކުވިވިސްނުމުގައި ބިންވަޅު ނެގިފައިވާ ޙަޤީޤަތްތަކެކެވެ.
ރައީސް ވިދާޅުވީ، ޤައުމެއްގެ ގޮތުގައި ބަޔަކު ދިރިއުޅޭ އިރު އެ ބަޔަކު ހެޔޮނުބައި ކަނޑައަޅާން ބޭނުންކުރާ މިންގަނޑެއް އޮންނަ ކަމަށާއި، އެ މުޖުތަމައެއްގެ ސަގާފަތާއި އާދަކާދަތައް ބައްޓަންވެގެންދާނީ މި ގޮތުން އެ ބަޔަކު ގަބޫލުކުރާ ހަމަތަކެއްގެ މަތިން ނުވަތަ އެ ބަޔަކު ދުނިޔެދެކޭ ގޮތެއްގެ މަތިން ކަމަށެވެ.
މީގެ އިތުރުން، ދިވެހީން ހެޔޮނުބައި ކަނޑައަޅާން ބޭނުންކުރާ މިންގަނޑަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، ދިވެހީން ދެކެނީ އަދި ގަބޫލުކުރާ ޙައްޤު ގޮތަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އޮތީ މާތްވެގެންވާ އިސްލާމްދީނުގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެއީ، ދެދުނިޔޭގެ ބާއްޖަވެރިކަމުގެ މަގެވެ. އެހެންކަމުން، ދިވެހީން އިސްލާމްދީން ބަލައިގަތުމަކީ ދިވެހި ޤައުމިއްޔަތަށް އައި އެންމެ ހެޔޮ އިންޤިލާބެވެ.
ރައީސް ވިދާޅުވާ ގޮތުގައި ދިވެހި ޤައުމިއްޔަތުގައި އިސްލާމްދީނުގެ ދައުރަކީ ދިވެހީން ދިރިއުޅޭ ގޮތްތަކާއި އާދަކާދަތައް، ނުވަތަ ދިވެހި ސަގާފަތް އިސްލާމްދީނުގެ އިންތަކަށް ފެތޭހެން އިޞްލާޙުކުރުމެވެ.
މި ފަހަރު ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް މިއައީ ރަމަޟާން މަހުގެ ތެރޭގައި ކަމަށާއި، މި ހެޔޮ އިއްތިފާޤާ މެދު ވިސްނާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން އަޤީދާގެ ގޮތުން ބެލިޔަސް އަދި އިންސާނިއްޔަތަށް ބެލިޔަސް ބޮޑެތި ބަދަލުތައް ފެންނަން އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހީން އިސްލާމްދީން ބަލައިގަތުމުން، ދިވެހީން ދިރިއުޅޭ ގޮތްތަކަށް އެ ދީން ގެނުވި ހެޔޮ ބަދަލުތަކަށް ވިސްނާލަމާތޯއެވެ؟ ޢަޤީދާގެ ގޮތުން ބަލާއިރު، އިހަށް ދިވެހީން ތަބާވެ އުޅުނު ދެވިތަކާއި ވަހުމުތައް ދޫކޮށް، އެއްކައުވަންތަ މާތް ﷲއަށް ވަކީލުކުރަންފެށިއެވެ. އިންސާނިއްޔަތަށް ބަލާއިރު، އެކިއެކި ނަންނަމުގައި އިންސާނުން ޤުރުބާންކުރުން ނިމުމަކަށް ގެނެސް، އިންސާނީ ކަރާމާތް ދިފާޢުކޮށް މަތިވެރިކުރިއެވެ.
މީގެ އިތުރުން، އިމާރާތްކުރުމަށް ބަލާއިރު، ހިރިގަލުގެ ރީތި ފަންނީ މިސްކިތްތައް ބިނާކުރި ކަމަށާއި، އަޚްލާޤަށް ބަލާއިރު، ފަސްވަގުތު ނަމާދަށް ދިޔުމާއި، ވެރީންނަށް އިޙްތިރާމުކުރުމާއި، އަމާނާތްތެރިކަން އާންމުވިކަމަށް ރައީސް ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް، ގުޅުންތެރިކަމަށް ބަލާއިރު، އެންމެހައި ދިވެހީންނަކީ އަޚުންތަކެއް ކަމަށް ގަބޫލުކުރެވި، އެކަކުއަނެކަކަށް އަޅައިލައި، ހަމްދަރުދީވުމުގެ ރީތި މިސާލުތަކަށް، ބޭރުގެ ލިޔުންތެރީންގެ ތާރީފުތައް އޮހެން ފެށި ކަމަށާއި، މުޅި ރާއްޖޭގައި އަމާންކަން ގާއިމުވިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރަށް، ބޭރުން ބަޔަކު ރާއްޖެއަށް ހަމަލާދިނަސް، މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި ޙައްޤު ގޮތުގައި ޖިހާދުކޮށް، މި ލޮބުވެތި ވަޠަން މިނިވަންކުރިކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މިއަދު ދިވެހީންގެ ތެރޭގައި ދިވެހި ޤައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި، އެކަމަށް ޓަކައި މި ޒަމާނުގައި ބޭނުންވަނީ ޢިލްމީ ހަމަތައް ކަމަށެވެ.
އެހެންކަމުން، ދިވެހިރައްޔިތުން އެމަނިކުފާނާ މަގާމުގެ މަސްއޫލިއްޔަތު ހަވާލުކުރެއްވި ފުރަތަމަ ދުވަހުން ފެށިގެންވެސް އެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދިވެހި ޤައުމިއްޔަތު ޢިލްމީ ހަމަތަކުގެ މަތިން އުނގަންނައިދެވެމުންދާނެ ކަމަށާއި، ދިވެހީންގެ ތަޖުރިބާތަކާއި ހުނަރުތައް ފަހަށް ރައްކާކުރެވެމުންދާނެކަމަށެވެ. އަދި ދިވެހީންގެ ތަރިކަތައް، ޒަމާނީ ޓެކްނޯލޮޖީއާއި، އިޤުތިޞާދީ ވިސްނުން ޝާމިލުކޮށްގެން ދެމެހެއްޓެމުން ބެލެހެއްޓެމުންދާނެ ކަމަށާއި، މީގެ އިތުރަށް، މާތްވެގެންވާ އިސްލާމްދީން މެދުވެރިކޮށް، ދިވެހީންގެ ސަގާފަތް އަބަދުވެސް އިޞްލާޙުކުރެވެމުން، ނުރަނގަޅު ދޮރުތައް ބަންދުކުރެވެމުން ރަނގަޅު ކަންކަމަށް ތަރުޙީބުދެމުން ކުރިޔަށް ދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ،ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ޢަޒުމަކަށް ވާންވީ، އިސްލާމްދީނުގެ ރީތި އުސޫލުތަކަށް އަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ޤަދަރުކުރާ މީހަކަށްވުމުގެ ޢަޒުމް ކަމަށެވެ. އޭރުން ރޫޙާނީ ގޮތުންނާއި، ނަފުސާނީ ގޮތުން ޠާހިރުކަން ލިބުމާއެކު، މަސައްކަތްތެރި މުރާލި ހުނަރުވެރި ތަހުޒީބު މީހަކަށް ވެވޭނެ ކަމަށާއި، އެ ފަދަ ޤައުމަކީ ބާއްޖަވެރި އުފާވެރި ޤައުމަކަށްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

