މާލޭގައި ގަވާއިދާ ޚިލާފަށް ވޭޕްގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފިއެވެ. މި އޮޕަރޭޝަނުގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ ބަލައި ފާސްކޮށްފައިވެއެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެތަން ބަލައި ފާސްކުރުމުގެ ތެރެއިން 84 ވޭޕް ކާޓްރިޖްއާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ 27 އަހަރުގެ އެމްޑީ އަބޫ ސުފްޔާން ވަނީ ހައްޔަރުކޮށްފައެވެ.
މީގެއިތުރުން، ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ފިހާރަވެސް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. މި އޮޕަރޭޝަނުގައި ފުލުހުންގެ އިތުރުން ޞިއްޙީ ވުޒާރާއާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ވޭޕް ބޭނުންކުރާ މީހުންނަށް 5,000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ. އަދި ވޭޕް ވިއްކައި އޭގެއިން ވިޔަފާރިކުރާނަމަ، އެ މީހަކު 20,000 ރުފިޔާއިން ޖޫރިމަނާކޮށް، ވިއްކި ކޮންމެ ވޭޕަކަށް 10,000 ރުފިޔާދައްކަންޖެހޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވުމާ ގުޅޭ މާއްދާއަށް މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ.

